22 ޖެނުއަރީ 2025
ރައީސް ޑޮކްޓަރ މުޙައްމަދު މުޢިޒުގެ ޒަޢާމަތުގައި، ކައުންސިލް އިދާރާ ޢިމާރާތްކުރުމަށް ހިންގާ ފުރަތަމަ މަޝްރޫގެ ދަށުން، ފުރަތަމަ ކައުންސިލްގެ ބިންގާ އަޅުއްވައި ދެއްވައިފިއެވެ. 55 ރަށެއްގެ ކައުންސިލް އިދާރާ ބިނާކުރުމަށް ހަމަޖެހިފައިވާ، މި ބިޔަ މަޝްރޫޢުގެ ދަށުން ފުރަތަމަ ބިންގާ އަޅުއްވައި ދެއްވީ، މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލް އިދާރާގެ އައު ޢިމާރާތުގެ ބިންގަލެވެ.
މަޑުއްވަރީ ކައުންސިލް އިދާރާގެ ބިންގާ އަޅުއްވައި ދެއްވުމަށް މިއަދު މެންދުރު ފަހު، އެ ރަށުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި، އެ އިދާރާގެ އައު ޢިމާރާތުގެ ބިންގާ އަޅުއްވައި ދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގެވުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު، އަދި ނިމި ދިޔަ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ޢިއްޒަތްތެރި މެންބަރުކަން ވެސް ކުރެއްވެވި އޮނަރަބްލް އާދަމް ޝަރީފު ޢުމަރެވެ. މިއީ 2 ބުރިއަށް ޢިމާރާތްކުރެވޭ އިދާރާއެކެވެ.
ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތުގައި ދައުލަތުގެ ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި، މަޑުއްވަރީ ކައުންސިލްގެ ރައީސާއި، އެ ކައުންސިލްގެ އެންމެހައި މެންބަރުންނާއި، އެ ރަށު ޑަބްލިޔޫޑީސީގެ އެންމެހައި މެންބަރުންނާއި، މަޑުއްވަރީގެ މުއައްސަސާތަކުގެ ވެރިންނާއި، އެ ރަށުގެ ގިނަ ޢަދަދެއްގެ އާންމު ރައްޔިތުން ބައިވެރިވެލެއްވިއެވެ.
ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ޢިމާރާތްކުރާ 55 ކައުންސިލްގެ ތެރޭގައި ހިމެނޭ ހުރިހައި ރަށެއްގެ ކައުންސިލް އިދާރާގެ، އައު ޢިމާރާތުގެ މަސައްކަތް ކުރަނީ، މެލޭޝިއާގެ ކުންފުންޏެއް ކަމަށްވާ "ހެކްސްޓަރ ގްލޯބަލް" އިންނެވެ.
ލާމަރުކަޒީ ނިޒާމުގެ ދަށުން ކައުންސިލްތައް ބާރުވެރިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދަން ފެށި، ކައުންސިލް އިދާރާގެ އައު ޢިމާރާތް ބިނާކުމުގެ މަޝްރޫޢުގެ ސަބަބުން އެ ކައުންސިލްތައް ހިންގުމަށް އިތުރު ލުއި ފަސޭހަކަން ލިބި، ރަށުގެ ރައްޔިތުންނަށް އުފާ ފާގަތިކަން ލިބިގެން ދާނެއެވެ.