news photo

އިދާރީ ދާއިރާތައް ހިންގުމާއި، ވިލަރެސް ކުރުމާއި، ބެލެހެއްޓުން ހަރުދަނާ ކުރުމާބެހޭ މަސައްކަތު ބައްދަލުވުމުގެ ނަމުގައި ބައްދަލުވުމެއް ބާއްވައިފި

10 އޭޕްރީލު 2025

އިދާރީ ދާއިރާތައް ހިންގުމާއި، ވިލަރެސް ކުރުމާއި، ބެލެހެއްޓުން ހަރުދަނާ ކުރުމާބެހޭ މަސައްކަތު ބައްދަލުވުމުގެ ނަމުގައި މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްއިން ބައްދަލުވުމެއް ބާއްވައިފިއެވެ. 

މިއަދު ހެނދުނާއި، މެންދުރުފަހުގެ ބަޔަކާއެކު ބޭއްވުނު މި ބައްދަލުވުމުގެ މަޤްޞަދަކީ ސިޓީތަކާއި، އިދާރީ ދާއިރާތަކާ ބެހޭ ވުޒާރާގެ ހިންގުން ހަރުދަނާކުރުމަށް، ކުރެވޭނެ ކަންކަމާ ގުޅޭ ގޮތުން މުވައްޒަފުންގެ މެދުގައި މަޝްވަރާ ކުރުމެވެ. 

މި ބައްދަލުވުމުގައި މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އަދަމް ޝަރީފު ޢުމަރު ދެއްކެވި ވާހަކަފުޅުގައި މިނިސްޓްރީގެ މައިގަނޑު އަމާޒަކީ، ރާއްޖޭގެ އިދާރީ ދާއިރާތައް ބާރުވެރި ކުރުވައި، ރަށްވެހި ތަރައްޤީ ގެނުވައިދީ، ރައްޔިތުންގެ ކުރިއެރުމަށް މަސައްކަތް ކުރެއްވުން ކަމަށް ވިދާޅުވިއެވެ. އަދި ކައުންސިލްތަކަށް ދިމާވާ ދަތިތައް ޙައްލުކުރުމުގައި، އިތުބާރުކުރެވޭ ވުޒާރާއަކަށް ސިޓީތަކާ ބެހޭ ވުޒާރާ ވެފައިވާ ކަމަށް މިނިސްޓަރ ވިދަޅުވިއެވެ.

މިއަދު ބޭއްވި މަސައްކަތު ބައްދަލުވުމުގައި މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ދެއްކެވި ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ސިޓީތަކާ ބެހޭ ވުޒާރާގެ އަމާޒުތައް ޙާޞިލްކުރެއްވުމަށް ހަތަރު ސިޔާސަތެއް ގެންގުޅުއްވާ ކަމަށެވެ. އެއީ ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުވުމާއި، ރަށްވެހި ޚިދުމަތް ފޯރުކޮށްދިނުމުގައި ކައުންސިލްތަކުގެ ދައުރު ފުޅާކުރުމާއި، ކައުންސިލްތަކަކީ ރައްޔިތުންގެ ބައިވެރިވުމާއި މަޝްވަރާގެ މަތިން ހިންގާ ޖަވާބުދާރީވަނިވި ތަންތަނަށް ހެދުމުގެ އިތުރުން އެލްޖީއޭއާއި، ކައުންސިލްތަކާއި، ސަރުކާރާ ގުޅުވާލަދިނުމުގެ މަސައްކަތް ކަމަށެވެ. 

މި މަސައްކަތު ބައްދަލުވުމުގައި މިނިސްޓްރީގެ ލޯކަލް ގަވަމަންޓް ޑިޕާޓްމެންޓްގެ މުވައްޒަފުންނާއި، ޕްލޭނިންގ ޑިޕާޓްމެންޓްގެ މުވައްޒަފުންނާއި، ސީނިއަރ މެނޭޖްމެންޓާއި، މިޑްލް މެނޭޖްމެންޓްގެ މުވައްޒަފުންގެ އިތުރުން މީޑިއާ ސެކްޝަންގެ މުވައްޒަފުންގެ ތެރެއިން 65 މުވައްޒަފުން ބައިވެރިވެލެއްވިއެވެ.