news photo

މިނިސްޓަރ އާދަމް ޝަރީފު ޢުމަރު، ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމް ކައުންސިލްގެ މެންބަރުންނާ ބައްދަލުކުރައްވައިފި

28 އޭޕްރީލު 2025

މިނިސްޓަރ އާދަމް ޝަރީފް ޢުމަރު، ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމް ކައުންސިލްގެ މެންބަރުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ. މިއަދު ބޭއްވުނު މި ބައްދަލުވުމުގައި މަޝްވަރާކުރެވިފައި ވަނީ ނިމިދިޔަ ސަރުކާރުން ފަށައިފައިވާ މަޝަރުޢުތަކާ ގުޅޭ ގޮތުންނެވެ.
އެ ގޮތުން ރަށުގެ ފުޓުބޯޅަ ދަނޑުގެ މަސައްކަތާއި، ރަށުގެ ފެނުގެ ނިޒާމުގެ މަސައްކަތް އަވަސް ކުރުމާ ގުޅޭ ގޮތުން ވަނީ މަޝްވަރާކުރެވިފައެވެ. އަދި ރަށުގެ ކަރަންޓުގެ ޙާލަތު މި ވަގުތު ހުރި ގޮތުން ކައުންސިލުން ވަނީ އެ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. މީގެ އިތުރުން ލަފާފުރުމުގެ ދަތިކަމާ ބެހޭ ގޮތުން ވެސް މިއަދުގެ މި ބައްދަލުވުމުގައި ވާހަކަދެކެވިފައި ވެއެވެ. އަދި ރަށުގެ ސްކޫލު ހޯލުގެ މަސައްކަތް އެމްޓީސީސީއާ ޙަވާލުކޮށްފައި ވާތީ، އެ ކަމުގެ އެންމެ ފަހުގެ މަޢުލޫމާތު މިނިސްޓަރާ ހިއްސާކުރައްވާފައެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި ސަރުކާރުން ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ 55 ކައުންސިލްގެ ތެރޭގައި، ނޮޅިވަރަމް ކައުންސިލް ޢިމާރާތުގެ މަސައްކަތް ފެށިގެންދާނެ ކަމުގައި ވިދާޅުވެފައެވެ. އަދި ސަރުކާރުން ހިންގާ ކުޑަކުދިންގެ ޕާކު ތަރައްގީކުރުމުގެ މަޝްރޫޢުގެ ތެރެއިން ނޮޅިވަރަމްގައި ޕާކެއް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމުގައި މިނިސްޓަރ އާދަމް ޝަރީފު ވިދާޅުވެފައެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ އާދަމް ޝަރީފު ޢުމަރުގެ އަރިހުގައި ލޯކަލް ގަވަރމެންޓް ޑިޕާޓްމަންޓް ބަލަހައްޓަވައި ސްޓޭޓް މިނިސްޓަރ އަޙްމަދު ސާލިމާއި، ހދ. އަތޮޅު ހިމެނޭ ކުލަސްޓަރ ބެލެހެއްޓެވުމާ ޙަވާލުވެ ހުންނެވި، ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު ޙަސަނާއި އަދި ހދ. އަތޮޅުގެ ކަންތައްތައް ބަލަހައްޓަވައި ކޯޑިނޭޓަރ، ޑެޕިއުޓީ މިނިސްޓަރ ޢަލީ ޝަމީމް ބައިވެރިވެލެއްވިއެވެ.