news photo

ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ކެބިނެޓް ތަރުތީބުކުރައްވައިފައި ވަނީ އެއްގަހުގެ ހިޔާ އަނެއްގަހަށް ފޯރާގޮތަށް: މިނިސްޓަރ އާދަމް ޝަރީފު ޢުމަރު

29 އޭޕްރީލު 2025

ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ކެބިނެޓް ތަރުތީބުކުރައްވައިފައި ވަނީ އެއްގަހުގެ ހިޔާ އަނެއްގަހަށް ފޯރާގޮތަށް ކަމަށް މި ނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އޮނަރަބްލް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ. 

މިނިސްޓަރ އާދަމް ޝަރީފު ޢުމަރު މިހެން ވިދާޅުވީ، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްްއިން މިއަދު ފެށި އަންހެންވެރިންގެ ސައްލާ އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ. އަދި ކެބިނެޓް އެ ގޮތަށް ތަރުތީބުކޮށްދެއްވި ކަމަށް ޓަކައި، ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒަށް ޝުކުރުއަދށާކުރެއްވިއެވެ. 

މި ރަސްމިއްޔާތުގައި މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި އަންހެންވެރީން މުޖުތަމަޢުގައި އަދާކޮށްފައިވާ އަދި އަދާކުރަމުންދާ މުހިންމު ދައުރުގެ މައްޗަށް ވަރަށް ތަފްޞީލްކޮށް ބައްލަވައިލެއްވިއެވެ.

މިއަދު ފެށި އަންހެނުންގެ ސައްލާގައި، ކުލަސްޓަރ 3 ގައި ހިމެނޭ އަތޮޅުތައް ކަމުގައިވާ، މާލެއަތޮޅާއި، އއ. އަަތޮޅާއި، އދ. އަތޮޅާއި، ވ. އަތޮޅާއި އަދި މ. އަތޮޅުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންގެ ތެރެއިން 59 ބޭފުޅަކު ބައިވެރިވެފައި ވެއެވެ. 

އަންހެންވެރިންގެ ސައްލާ، މަސައްކަތު ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްދު، ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދު ފެށުނު "އަންހެންވެރިންގެ ސައްލާ" މާދަމާގެ ނިއަލަށް ކުރިއަށް ދާނެއެވެ. މިއީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ޚާއްޞަކޮށްގެން މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްްއިން ކުރިއަށް ގެންދާ މި ފަދަ ފުރަތަމަ މަސައްކަތު ބައްދަލުވުމެވެ.