news photo

ޢާއިލާގައި މަންމާފުޅު އަދާކުރެއްވި ދައުރާއި ދެއްވި ހަރުދަނާ ތަރުބިއްޔަތަކީ ނަމޫނާއެއް: މިނިސްޓަރ އާދަމް ޝަރީފު ޢުމަރު

29 އޭޕްރީލު 2025

ޢާއިލާގައި މަންމާފުޅު އަދާކުރެއްވި ދައުރާއި ދެއްވި ހަރުދަނާ ތަރުބިއްޔަތަކީ ނަމޫނާއެއް ކަމަށް މި ނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އޮނަރަބްލް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އާދަމް ޝަރީފު ޢުމަރު މިހެން ވިދާޅުވީ، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްްއިން މިއަދު ފެށި އަންހެންވެރިންގެ ސައްލާ އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

އެ މަނިކުފާނު ވިދާޅުވީ، އެ މަނިކުފާނުގެ ބައްޕާފުޅުކީ ވެސް ވަރަށް ހަރުދަނާ ބޭފުޅެއް ކަމަށެވެ. ނަމަވެސް ކަންދިމާވި ގޮތުން ގިނަ ފަހަރު ބައްޕާފުޅަށް ހުންނަވަން ޖެހެނީ ކޮންމެވެސް ކަމެއްގައި، ރަށުން ބޭރުގައި ކަމަށް ވުމުން، ޢާއިލާގެ ހުރިހައި ކަމެއް ބަލަހައްޓަވައި ހެއްދެވީ މަންމާފުޅުކަމަށެވެ. އަދި އެންމެން ތަރުބިއްޔަތުކުރެއްވުމުގައި މަންމާފުޅު އަދާކުރައްވައިފައި ވަނީ ހަރުދަނާ އަދި ނަމޫނާ ދައުރެއް ކަމަށެވެ. 

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތުގައި މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ދެއްކެވި ވާހަކަފުޅުގައި، ޤައުމުގެ ތަރައްޤީގައި އަންހެނުން އަދާކުރަމުން ދަނީ ވަރަށް މުހިންމު ދައުރެއް ކަމަށް ވިދާޅުވިއެވެ. އަދި އަންހެނުން ޚާއްޞަކޮށް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް ބާރުވެރިކުރުމަށް ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ފައްޓަވައިފައިވާ ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން ހެޔޮ ބަދަލުތައް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް އަންނަމުންދާ ކަމަށް ވިދާޅުވިއެވެ. 

މިއަދު ފެށި އަންހެނުންގެ ސައްލާގައި، ކުލަސްޓަރ 3 ގައި ހިމެނޭ އަތޮޅުތައް ކަމުގައިވާ، މާލެއަތޮޅާއި، އއ. އަަތޮޅާއި، އދ. އަތޮޅާއި، ވ. އަތޮޅާއި އަދި މ. އަތޮޅުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންގެ ތެރެއިން 59 ބޭފުޅަކު ބައިވެރިވެފައި ވެއެވެ. 

މިއަދު ފެށުނު "އަންހެންވެރިންގެ ސައްލާ" މާދަމާގެ ނިއަލަށް ކުރިއަށް ދާނެއެވެ. މިއީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ޚާއްޞަކޮށްގެން މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްްއިން ކުރިއަށް ގެންދާ މި ފަދަ ފުރަތަމަ މަސައްކަތު ބައްދަލުވުމެވެ.