news photo

ކުރިއަށް ދެ އަހަރެއްގެ ތެރޭ، އަންހެނުންގެ ކޮމިޓީތަކަށް އެކަށީގެންވާ ޙައްލު މި ސަރުކާރުން ގެނެސްދެއްވާނެ: މިނިސްޓަރ އާދަމް ޝަރީފު ޢުމަރު

29 އޭޕްރީލު 2025

ކުރިއަށް ދެ އަހަރެއްގެ ތެރޭ، އަންހެނުންގެ ކޮމިޓީތަކަށް އެކަށީގެންވާ ޙައްލު މި ސަރުކާރުން ގެނެސްދެއްވާނެ ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އޮނަރަބްލް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އާދަމް ޝަރީފު ޢުމަރު މިހެން ވިދާޅުވީ، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްްއިން މިއަދު ފެށި އަންހެންވެރިންގެ ސައްލާ އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ. އެ މަނިކުފާނު ވިދާޅުވީ ލާމަރުކަޒީ ޤާނޫނުގައި އަންހެނުންގެ ކޮމިޓީތަކުގެ ދައުރު އަދާކުރުމުގައި ހުރި ގޮންޖެހުންތަކާއި، މުވައްޒަފުންގެ ދަތި ކަމާއި، ޖާގައިގެ ދަތިކަމަށް ކުރިއަށް އޮތް ދެ އަހަރެއްގެ ތެރޭ އެކަށީގެންވާ ޙައްލު ލިބިގެން ދާނެ ކަމަށެވެ. 

މި ރަސްމިއްޔާތުގައި މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި، މިހާރު ފެށިފައިވާ ކައުންސިލް ޢިމާރާތްތައް އަޅައި ނިމޭ އިރު ޖާގައިގެ ދަތިކަން 70 އިންސައްތަ ކޮމިޓީއަށް ޙައްލުވެގެންދާނެ ކަމަށް ވިދާޅުވިއެވެ. އަދި ކޮމިޓީތައް ބާރުވެރިވެ، އަމިއްލަ އުފެއްދުންތެރިކަމުގެ ކޮމިޓީތަކަކަށް ވުމުގެ ވިސްނުމާއި، އާމްދަނީ ހޯދޭނެ މަގުތައްކޮށައި، އަމިއްލަ ފުދުންތެރިކަމުގައި ހިންގޭ ކޮމިޓީތަކަކަށް ވުމަށް މަސައްކަތްކުރުމަށް މިނިސްޓަރ އިލްތިމާސް ކުރެއްވިއެވެ. 

މިއަދު ފެށުނު "އަންހެންވެރިންގެ ސައްލާ" މާދަމާގެ ނިއަލަށް ކުރިއަށް ދާނެއެވެ. މިއީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ޚާއްޞަކޮށްގެން މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްްއިން ކުރިއަށް ގެންދާ މި ފަދަ ފުރަތަމަ މަސައްކަތު ބައްދަލުވުމެވެ.