news photo

ވަޒީރު އާދަމް ޝަރީފް ޢުމަރު ގއ. ވިލިނގިލީ ކައުންސިލް މެންބަރުންނާއި ބައްދަލުކުރައްވައިފި

07 މޭ 2025

ވަޒީރު އާދަމް ޝަރީފް ޢުމަރު ގއ. ވިލިނގިލީ ކައުންސިލްގެ މެންބަރުންނާއި ބައްދަލުކުރައްވައިފިއެވެ. މިއަދު ބޭއްވުނު މި ބައްދަލުވުމުގައި މަޝްވަރާކުރެވިފައި ވަނީ ވިލިނގިލީގައި އަލަށް ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ ކައުންސިލް އިދާރާގެ މަސައްކަތާއި، ކުޑަކުދިންގެ ޕާކާއި އަދި ކައުންސިލަށް ފަޅުރަށެއް ހޯދުމާއި ގުޅޭ ގޮތުންނެވެ.

ބާވެ ވީރާނާވެ ގިނަ ދުވަސް ވެފައިވާ ކައުންސިލް އިދާރާތައް އަލުން ޢިމާރާތްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްޞަ އިސްކަމެއް ދެއްވައިގެން މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްއިން ކުރިއަށްގެންދާ މަޝްރޫޢެކެވެ. ކައުންސިލްތައް މާލީ ގޮތުން ބާރުވެރި ކުރުމުގެ ގޮތުން ކޮންމެ ކައުންސިލަކަށް ފަޅު ރަށެއް ހޯދައިވައި ދެއްވުމަކީ ވެސް ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. މީގެ އިތުރުން ކުޑަ ކުދިންގެ ޕާކެއް ނެތް ކޮންމެ ރަށެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ޕާކެއް ޤާއިމްކޮށްދިނުމަކީ ވެސް މި ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ އާދަމް ޝަރީފު ޢުމަރު އަރިހުގައި، ލޯކަލް ގަވަރމެންޓް ޑިޕާޓްމަންޓް ބަލަހައްޓަވައި ސްޓޭޓް މިނިސްޓަރ އަޙްމަދު ސާލިމާއި، ގދ. އަތޮޅުގެ ކަންތައްތައް ބެލެހެއްޓެވުމާ ޙަވާލުވެ ހުންނެވި، ސްޓޭޓް މިނިސްޓަރ ޠާހާ ނައީމާއި، އަތޮޅު ކޯޑިނޭޓަރ ތަޤިއްޔު އިބްރާހިމް ބައިވެރިވެލެއްވިއެވެ.