news photo

މިހާރު ސާފުކުރަމުން ދަނީ ހަވީރީ ހިނގުމުގެ ކާނުތައް

11 މޭ 2025

މާލޭގެ މަގުތަކުގެ ކާނުތައް ސާފުކުރުމަށް, މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްއިން ކުރިއަށް ގެންދާ ބޮޑު ޙަރަކާތުގައި މިހާރު ސާފުކުރަމުން ދަނީ, ހަވީރީ ހިނގުމުގެ ކާނުތައް ކަމަށް، އެ މަސައްކަތުގައި އިސްވެ ޙަރަކާތްތެރިވަމުން އަންނަ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ ޢަބްދުﷲ މުފީދު ވިދާޅުވެއްޖެއެވެ.

މާލޭގެ ކާނުތައް ސާފުކުރުމުގެ މަސައްކަތަކީ މާލޭގައި ފެންބޮޑުވާ މައްސަލަ ޙައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ މަތިން މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްއިން ކުރިއަށް ގެންދާ ޙަރަކާތެކެވެ.

މި ޙަރަކާތުގެ ދަށުން މިހާރު ވަނީ މަޖީދީމަގުގެ އިތުރުން ހަވީރީހިނގުމުގެ ހުޅަނގުން ރަސްފަންނާ ހަމައަށް ހުރި މަގުތަކާއި ގޯޅިތަކުގެ ކާނުތައް ސާފުކޮށް ގާތްގަނޑަކަށް ނިމިފައެވެ. މިހާރު ސާފުކުރަމުންދާ ހަވީރީ ހިނގުމުގެ ކާނުތައް ކުރިއަށް އޮތް ދެތިން ދުވަހުތެރޭ ނިންމާލެވޭނެ ކަމަށް މުފީދު ވިދާޅުވިއެވެ. ނަމަވެސް ގިނަ ދުވަސްތަކެއް ވަންދެން ކާނުތައް ސާފުނުކުރެވި ހުރުމަކީ ބާރު ސްޕީޑުގައި މަސައްކަތް ކުރިއަށް ގެންދިޔުމަށް ދިމާވާ އުނދަގުލެއް ކަމަށް މުފީދު ފާހަގަކުރެއްވިއެވެ.

މި އަހަރުގެ މާރިޗު މަހުގެ 8 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދާ، މި މަސައްކަތުގައި އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކުންނާއި، ޖުމްލަކޮށް އާންމު ރައްޔިތުންގެ ފަރާތުން ދެއްވާ އެއްބާރުލެއްވުމަށް މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްއިން ޝުކުރުދަންނަވަމެވެ.