news photo

ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއަށް، މިނިސްޓްރީގެ 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ހުށަހަޅުއްވައިފި

12 މޭ 2025

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއަށް، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްގެ 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ހުށަހަޅުއްވައިފިއެވެ. މިއަދު ހެނދުނު އޮތް ލާމަރުކަޒީ ކޮމިޓީއަށް މި ރިޕޯޓް ހުށަހަޅައިދެއްވީ މިނިސްޓަރ އާދަމް ޝަރީފު ޢުމަރެވެ. 

ރިޕޯޓްހުށަހެޅުމަށް، މިއަދު ބޭއްވި މި ބައްދަލުވުމުގައި ކޮމިޓީގެ މެންބަރުން ކުރެއްވި ސުވާލުތަކަށް މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ވަނީ ވަރަށް ތަފްޞީލުކޮށް ޖަވާބުދެއްވައިފައެވެ. 

އެނގިވަޑައިގަންނަވާނެ ފަދައިން ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް ޓަކައި އެކަށޭނަ ފިޔަވަޅުތަކެއް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަންނަނީ ކުރައްވަމުންނެވެ. ނިޒާމަށް ގެންނަން ޖެހޭ ބަދަލުތައް ދެނެގަތުމުގެ ދިރާސާއެއް ޤައުމީ ޔުނިވަރސިޓީގެ އެހީތެރިކަމާއެކު ވަނީ ކުރެވިފައެވެ. މާލީ ގޮތުން ކައުންސިލްތައް ބާރުވެރިކުރުމަށް ވެސް ވަނީ މަސައްކަތްތަކެއް ކުރެވިފައެވެ. އިދާރީ ގޮތުން ހުރި ދަތިތައް ޙައްލުކޮށްދެއްވުމަށް ކައުންސިލް އިދާރާ އަލުން ޢިމާރަތްކުރުމުގެ މަޝްރޫތަކެއް ވަނީ ކަނޑައެޅި ފެށިފައެވެ. 

ޙަޤީޤީ މާނާގައި، ކައުންސިލްތައް ރައްޔިތުންނާ ގާތުން ހިންގުމަށް ހަރުދަނާ ފިޔަވަޅުތަކެއް މި ވޭތުވެ ދިޔަ 16 ވަރަކަށް މަސްދުވަހު ވަނީ އެޅިފައެވެ.