15 މޭ 2025
ކައުންސިލްތަކުން ފޯރުކޮށްދެއްވަމުންދާ ޚިދުމަތްތައް "ދިވެހިރާއްޖެ 2.0" އަށް އެލައިންކުރުމާ ގުޅޭ ބައްދަލުވުމެއް މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްގައި ބާއްވައިފިއެވެ.
މިއީ މިނިސްޓަރ އާދަމް ޝަރީފު ޢުމަރުގެ އިސްނެންގެވުމަކާ ގުޅިގެން ބޭއްވުނު ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި މި މިނިސްޓްރީގެ އިތުރުން އެލްޖީއޭއާއި، އެން.ސީ.އައި.ޓީއާއި، ޓްރޭޑްނެޓާއި އަދި ރައީސް އޮފީހުން ބައިވެރިވެލެއްވިއެވެ.
މިއަދުގެ ބޭއްވި މި ބައްދަލުވުމުގައި މަޝްވަރާކުރެވުނީ، އާންމުންނަށް ޚިދުމަތް ދިނުމުގައި މިހާރު ކައުންސިލު އިދާރާއިން ބޭނުންކުރަމުން އަންނަ ސިސްޓަމްތައް މޯލްޑިވްސް 2.0 ގެ އެކޯސިސްޓަމަށް ފައްތައި ސިސްޓަމް އިންޓަރގްރޭޓް ކުރާނެ ގޮތާ ބެހޭ ގޮތުންނެވެ.
ސަރުކާރުން ޑިޖިޓަލް ޓްރާންސްފޮމޭޝަނަށް މި ކުރާ ދަތުރު ރައްޔިތުންނަށް ބުނެދީ، އާންމުން ހޭލުންތެރިކުރުމަށް މަސައްކަތްކުރުމާ ބެހޭ ގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެވިފައި ވެއެވެ.