21 މޭ 2025
މުލަކަތޮޅު ދިއްގަރުގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ޚިދުމަތް ފައްޓަވައިދެއްވައިފިއެވެ. ދިއްގަރުގައި މިއަދު ހަވީރު ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި ދިއްގަރުގައި އޭޓީއެމްގެ ޚިދުމަތް ފައްޓަވައިދެއްވީ، މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފް ޢުމަރުއެވެ. މި ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފާއި، ބޭންކުގެ އިސްވެރިންނާއި އެ ރަށު ކައުންސިލްގެ މެންބަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ އެ އަތޮޅުގެ ބައެއް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
އޭޓީއެމްގެ ޚިދުމަތް ދިއްގަރުގައި ފެއްޓެވުމުގެ ގޮތުން، މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ވަނީ އޭޓީއެމުން ފައިސާ ނަންގަވައިދެއްވުމަށްފަހު، ރަމްޒީ އޭޓީއެމް ކާޑެއް ދިއްގަރު ކައުންސިލްގެ ނާއިބު ރައީސާ ޙަވާލުކޮށްދެއްވާފައެވެ.
ދިއްގަރުގައި އޭޓީއެމްގެ ޚިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މިހާތަނަށް މަރުކަޒު ކުރެވިފަައިވާ ބައެއް ޚިދުމަތްތަކެއް މި ސަރުކާރުން ރައްޔިތުންނާ ގާތުން ފޯރުކޮށްދޭން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ރައްޔިތުންގެ ބޭންކުގެ ގޮތުގައި ބެންކް އޮފް މޯލްޑިވްސްއިން މިހާރު މަސައްކަތްކުރަމުން އަންނަ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މުލަކަތޮޅުގެ ރަށްރަށުގައި އޭޓީއެމް ޚިދުމަތް ފެށުމަށް ބޭންކް އޮފް މޯލްޑިވްސްއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން 7 ރަށެއްގައި މި ބުރުގައި އޭޓީއެމްގެ ޚިދުމަތް ފެށުމަށް ވަނީ ހަމަޖެހިފައެވެ. މިއާއެކު އެ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި އޭޓީއެމް ބެހެއްޓިގެންދާނެއެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި އޭޓީއެމް ޚިދުމަތް ދިނުމަށް ސަރުކާރުން ކުރިއަށް ގެންދާ މި މަޝްރޫޢުގައި މިހާތަނަށް އައިއިރު ހއ. އަތޮޅާއި، ދ. އަތޮޅާއި، ނ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި އޭޓީއެމް ޚިދުމަތް ވަނީ ދޭން ފަށާފައެވެ.