news photo

މުލަކަތޮޅު ރަތްމަންދޫގައި ބޭންކް އޮފް މޯލްޑިވްސްގެ، އޭޓީއެމް ޚިދުމަތް ފައްޓަވައިދެއްވައިފި

21 މޭ 2025

މުލަކަތޮޅު ރަތްމަންދޫގައި ބޭންކް އޮފް މޯލްޑިވްސްގެ، އޭޓީއެމް ޚިދުމަތް ފައްޓަވައިދެއްވައިފިއެވެ. އެ ކަމަށް ޓަކައި މިއަދު ހަވީރު ރަތްމަންދޫގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި އޭޓީއެމް ހުޅުވައި ދެއްވީ 

މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފު ޢުމަރެވެ. 
ރަތްމަންދޫގައި އޭޓީއެމް ޚިދުމަތް ފެއްޓެވުމުގެ ގޮތުން މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ވަނީ އޭޓީއެމުން ފައިސާ ނަންގަވައިދެއްވުމަށް ފަހު، ރަމްޒީ އޭޓީއެމް ކާޑެއް ރަށު ކައުންސިލާ ހަވާލުކޮށްދެއްވާފައެވެ. ރަށު ކައުންސިލުގެ ފަރާތުން މިކާޑާ ޙަވާލުވެދެއްވީ ރަތްމަންދޫ ކައުންސިލްގެ ނައިބު ރައީސް ހުސެއިން ޚަލީލެވެ. 

ރަތްމަންދޫގައި އޭޓީއެމްގެ ޚިދުމަތް ފައްޓަވައިދެއްވާ މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ވިދާޅުވީ، ވަކި ރަށެއް ތަފާތުކުރުމެއް ނެތި، ހުރިހައި ރަށެއްގައި ވެސް އޭޓީއެމްގެ ޚިދުމަތް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ކަމަށެވެ. މިއާއެކު މި ރަށުގައި ވެސް ޚިދުމަތް ފެށުމަކީ ލިބިގެންދާނެ ލުޔެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މުލަކަތޮޅުގެ ރަށްރަށުގައި އޭޓީއެމް ޚިދުމަތް ފެށުމަށް ބޭންކް އޮފް މޯލްޑިވްސް އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން މި ބުރުގައި 7 ރަށެއްގައި އޭޓީއެމް ޚިދުމަތް ފެށުމަށްވަނީ ހަމަޖެހިފައެވެ. ރަތްމަންދޫއާއެކު މިއަދުވަނީ 3 ރަށުގައި މި ޚިދުމަތް ފަށާފައެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ދިނުމަށް ބޭންކް އޮފް މޯލްޑިވްސް އާއި، ސަރުކާރު ގުޅިގެން ކުރިއަށް ގެންދާ މަޝްރޫޢުގެ ތެރެއިން މިހާތަނަށް ހއ. އަތޮޅާއި، ދ. އަތޮޅާއި، ނ.އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް އަންނަނީ ދެމުންނެވެ.