22 މޭ 2025
މުލަކަތޮޅު މުލަކުގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ޚިދުމަތް ފައްޓަވައިދެއްވައިފިއެވެ. މުލަކުގައި އޭޓީއެމްގެ ޚިދުމަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފު ޢުމަރެވެ. މި ރަސްމީއްޔާތުގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފާއި، ބޭންކުގެ އިސްވެރިންނާއި، މުލަކު ކައުންސިލުގެ މެންބަރުންނާއި، އަތޮޅަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
މުލަކުގައި އޭޓީއެމް ޚިދުމަތް ފެއްޓެވުމުގެ ގޮތުން އޭޓީއެމުން ފައިސާ ނަންގަވައިދެއްވުމަށްފަހު، ރަމްޒީ އޭޓީއެމް ކާޑު ރަށު ކައުންސިލާއި ހަވާލުކޮށްދެއްވީ މިނިސްޓަރ އާދަމް ޝަރީފު ޢުމަރެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ ދެއްކެވިވާހަކަފުޅުގައި ރައްޔިތުންނާއި ގާތުން ޚިދުމަތް ދިނުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ. އަދި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމަކީ އެ ސިޔާސަތުގެ ދަށުން ކުރަމުންދާ މަސައްކަތެއްކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ޚިދުމަތްތައް މަރުކަޒުވުމުން ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ މަސައްކަތް ކުރައްވަމުންދާ ކަމަށް ވިދާޅުވިއެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި އޭޓީއެމް ޚިދުމަތް ދިނުމަށް ބޭންކް އޮފް މޯލްޑިވްސް އަދި ސަރުކާރު ގުޅިގެން ކުރިއަށް ގެންދާ މިމަޝްރޫޢުގެ ތެރެއިން މިހާތަނަށް ހއ. އަތޮޅު އަދި ދ. އަތޮޅު އަދި ނ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި އޭޓީއެމް ޚިދުމަތް ދޭން ވަނީ ފަށާފައެވެ.