news photo

މުލަކަތޮޅު ވޭވަށުގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ޚިދުމަތް ފައްޓަވައިދެއްވައިފި

22 މޭ 2025

މުލަކަތޮޅު ވޭވަށުގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ޚިދުމަތް ފައްޓަވައިދެއްވައިފިއެވެ. މ. ވޭވަށުގައި އޭޓީއެމްގެ ޚިދުމަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފު ޢުމަރެވެ. މި ރަސްމީއްޔާތުގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފާއި، ބޭންކުގެ އިސްވެރިންނާއި، ވޭވަށު ކައުންސިލުގެ މެންބަރުންނާއި، އަތޮޅަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ވޭވަށުގައި އޭޓީއެމް ޚިދުމަތް ފަށްޓަވައިދެއްވުމުގެގޮތުން މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ވަނީ އޭޓީއެމުން ފައިސާ ނަންގަވައިފައެވެ. އަދި ޚިދުމަތް ފެށުމުގެ ގޮތުން ބޭނުންކުރެވި ރަމްޒީ ކާޑު ކައުންސިލާއި ވަނީ ޙަވާލުކޮށްދެއްވާފައެވެ.

އޭޓީއެމްގެ ޚިދުމަތް ވޭވަށުގައި ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ ދެއްކެވި ވާށހަކަފުޅުގައި އޭޓީއެމްގެ ޚިދުމަތާއިއެކު ރައްޔަތުންނަށް ދިމާވަމުން ދިޔަ ދަތިތަކަށް ލުޔެއް ލިބިގެން ގޮސްފައިވާ ކަމަށް ވިދާޅުވިއެވެ. އެ ގޮތުން ރައްޔިތުން އަތުގައި ހުންނަ ނަގުދު ފައިސާ ގޭގައި ރައްކާކުރަން ޖެހުމާއި، ފައިސާ ނަގަން ޖެހިއްޖެ ނަމަ ދުރު ރަށަކަށް ދާން ޖެހޭ ދިޔުން މި އޭޓީއެމްގެ ސަބަބުން ނިމުމަކަށް އަންނާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި އޭޓީއެމް ޚިދުމަތް ދިނުމަށް ބޭންކް އޮފް މޯލްޑިވްސް އަދި ސަރުކާރު ގުޅިގެން ކުރިއަށް ގެންދާ މި މަޝްރޫޢުގެ ތެރެއިން މިހާތަނަށް ހއ. އަތޮޅު އަދި ދ. އަތޮޅު އަފި ނ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި އޭޓީއެމް ޚިދުމަތް ދޭން ވަނީ ފަށާފައެވެ.