news photo

މުލަކަތޮޅު ކޮޅުފުށީގައި އޭޓީއެމްގެ ޚިދުމަތްދޭން ފައްޓަވައިފި

22 މޭ 2025

މުލަކަތޮޅު ކޮޅުފުށީގައި އޭޓީއެމްގެ ޚިދުމަތްދޭން ފައްޓަވައިފިއެވެ. ކޮޅުފުށީގައި އޭޓީއެމްގެ ޚިދުމަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފު ޢުމަރެވެ. މި ރަސްމީއްޔާތުގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފާއި، ބޭންކުގެ އިސްވެރިންނާއި، ކޮޅުފުށީ ކައުންސިލުގެ މެންބަރުންނާއި، އަތޮޅަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮޅުފުށީގައި އޭޓީއެމް ޚިދުމަތް ފަށްޓަވައިދެއްވުމުގެގޮތުން މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ވަނީ އޭޓީއެމުން ފައިސާ ނަންގަވައިފައެވެ. އަދި ޚިދުމަތް ފެށުމުގެ ގޮތުން ބޭނުންކުރެވި ރަމްޒީ ކާޑު ކައުންސިލާއި ވަނީ ޙަވާލުކޮށްދެއްވާފައެވެ.

އޭޓީއެމްގެ ޚިދުމަތް ކޮޅުފުށީގައި ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ކައުންސިލްތަކުން ރަށުގެ ރައްޔިތުންނަށް ލުއި ދިނުމަށް ކުރާ މަސައްކަތްތަކުގައި ވަރަށް ބޮޑަށް އެއްބާރުލުން ލިބެމުންދާ ކަމަށެވެ. މިނިސްޓަރ ވަނީ މި ފަދަ މަސައްކަތްތަކުގައި ކައުންސިލްތަކުގެ ޒިންމާ ވަރަށް ބޮޑުކަން ފާގަކުރައްވާފައެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި އޭޓީއެމް ޚިދުމަތް ދިނުމަށް ބޭންކް އޮފް މޯލްޑިވްސް އަދި ސަރުކާރު ގުޅިގެން ކުރިއަށް ގެންދާ މި މަޝްރޫޢުގެ ތެރެއިން މިހާތަނަށް ހއ. އަތޮޅު އަދި ދ. އަތޮޅު އަފި ނ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި އޭޓީއެމް ޚިދުމަތް ދޭން ވަނީ ފަށާފައެވެ.