23 މޭ 2025
ކ. ހުރާގައި އޭޓީއެމްގެ ޚިދުމަތް ފައްޓަވައިދެއްވައިފިއެވެ. އޭޓީއެމްގެ ޚިދުމަތް ހުރާގައި ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފު ޢުމަރެވެ. މި ރަސްމީއްޔާތުގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފާއި، ބޭންކުގެ އިސްވެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ ހުރާ ދާއިރާގެ ޢިއްޒަތްތެރި މެންބަރާއި، ހުރާ ކައުންސިލުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ހުރާގައި އޭޓީއެމް ޚިދުމަތް ފަށްޓަވައިދެއްވުމުގެގޮތުން މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ވަނީ އޭޓީއެމުން ފައިސާ ނަންގަވައިފައެވެ. އަދި ޚިދުމަތް ފެށުމުގެ ގޮތުން ބޭނުންކުރެވި ރަމްޒީ ކާޑު ކައުންސިލާއި ވަނީ ޙަވާލުކޮށްދެއްވާފައެވެ.
އޭޓީއެމްގެ ޚިދުމަތް ހުރާގައި ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، އޭޓީއެމް ބެހެއްޓުމުގެ މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޚާއްޞަ އިސްކަމެއް ދެއްވައިގެން ވަރަށް ބާރު ދުވެއްޔެއްގައި ކުރިއަށްގެންދަވައި މަސައްކަތެއްކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އަމާޒަކީ ޚިދުމަތްތައް އަވަސްކޮށް، ރައްޔިތުންނަށް ލުއިފަސޭހަ ހޯދައިދެއްވުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި އޭޓީއެމް ޚިދުމަތް ދިނުމަށް ބޭންކް އޮފް މޯލްޑިވްސް އަދި ސަރުކާރު ގުޅިގެން ކުރިއަށް ގެންދާ މި މަޝްރޫޢުގެ ތެރެއިން މިހާތަނަށް ހއ. އަތޮޅާއި، ދ. އަތޮޅާއި، މ. އަތޮޅާއި އަދި ކ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހައި ރަށަކަށް އޭޓީއެމް ޚިދުމަތް ފޯރުކޮށްދެވުނީއެވެ.