news photo

ށ. ޅައިމަގުގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ޚިދުމަތް ފައްޓަވައިދެއްވައިފި

24 މޭ 2025

ށ. ޅައިމަގުގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ޚިދުމަތް ފައްޓަވައިދެއްވައިފިއެވެ. ނޫމަރާގައި އޭޓީއެމް ޚިދުމަތް ފަށްޓަވައި ދެއްވީ އެ ރަށުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފު ޢުމަރެވެ. މި ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފާއި، ބޭންކުގެ އިސްވެރިން އަދި އެރަށު ކައުންސިލުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ޅައިމަގުގައި އޭޓީއެމް ޚިދުމަތް ފައްޓަވައިދެއްވުމުގެގޮތުން ވަޒީރު އާދަމް ޝަރީފް ވަނީ އޭޓީއެމުން ފައިސާ ނަންގަވާފައެވެ. އޭޓީއެމް ހުޅުވައިދެއްވުމަށްފަހު ބީއެމްއެލްއިން ވަނީ ޅައިމަގު ކައުންސިލަށް ރަމްޒީ ކާޑު ހަދިޔާކުރައްވާފައެވެ. އޭޓީއެމްގެ ޚިދުމަތް ފެށުމަށް މިއަދު ހެނދު ޅައިމަގުގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ރައްޔިތުންގެ ދިރިއުޅުން ފަސޭހަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޚާއްޞަ އިސްކަމެއްދެއްވާ ކަމަށެވެ. އެ ގޮތުން ސަރުކާރުގެ އެކި އިދާރާތަކާއި، ކުންފުނިތަކާ ގުޅިގެން ރައްޔިތުންނަށް ކަންކަން ފަހިކޮށްދިނުމަށް ޚާއްޞަ މަސައްކަތްތަކެއް ކުރަމުންދާކަމަަށް މިނިސްޓަރ ވިދާޅުވިއެވެ. 

މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފެށުމަކީވެސް މިގޮތުން ކުރެވޭ މަސައްކަތެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި އޭޓީއެމް ޚިދުމަތް ދިނުމަށް ބޭންކް އޮފް މޯލްޑިވްސް އަދި ސަރުކާރު ގުޅިގެން ކުރިއަށް ގެންދާ މަޝްރޫޢުގެ ތެރެއިން މިހާތަނަށް ހއ. އަތޮޅާއި ދ. އަތޮޅާއި ނ. އަތޮޅާއި މ. އަތޮޅުގެ އިތުރުން ކ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި އޭޓީއެމް ޚިދުމަތް ދޭން ވަނީ ފަށައިފައެވެ.