23 މޭ 2025
އއ. މަތިވެރި ކައުންސިލުން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ “މަގޭ ވެށި -20 ޗާލު މަތިވެރި” ސާފުކުރުމުގެ ޙަރަކާތް މިނިސްޓްރީ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްގެ ޑެޕިއުޓީ މިނިސްޓަރ ޢިނާޒު ޢަލީ ފައްޓަވައިދެއްވައިފިއެވެ.
މިއަދު ހެނދުނު މަތިވެރީގައި އޮތް މި ރަސްމިއްޔާތުގައި ޑެޕިއުޓީ މިނިސްޓަރ ޢިނާޒު ޢަލީ ދެއްކެވި ވާހަކަފުޅުގައި މި ހަރަކާތް ޝަރަފުވެރިކުރުމުގެ ފުރުޞަތު މިނިސްޓަރީއަށް ދެއްވީތީ ކައުންސިލާ ޑަބުލިއޫ. ޑީ. ސީ އަދި ރަށުގެ ރައްޔިތުންނަށް މިނިސްޓަރ އާދަމް ޝަރީފު ޢުމަރުގެ ނަންފުޅުގައި ޝުކުރު އަދާކުރެއްވިއެވެ. އަދި ރަށް ސާފުކުރުމަށް މަތިވެރީގައި ބާއްވާ މި ޙަރަކާތުގައި ރަށުގެ ކުދި ބޮޑު އެންމެންގެ ބައިވެރިވުން ފެނިގެންދާކަމީ ވަރަށް އުފާކުރާ ކަމެއްކަމުގައި ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި އިނާޒު ދެއްކެވި ވާހަކަފުޅުގައި ސާފުތާހިރު ރަށެއްގެ ގޮތުގައި މަތިވެރި ބޭއްވުމަށް ރަށުގެ ރައްޔިތުން ގުޅިގެން ކުރަމުންދާ މަސައްކަތުން ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަމާ އެއްބައިވަންތަކަމާ އިޖުތިމާއީ ރޫޙް ވަރަށް ބޮޑަށް ފާހަގަ ކުރެއްވިގެންދާ ކަމަށް ވިދާޅުވިއެވެ.
މި ޕްރޮގްރާމަކީ 2016 ވަނަ އަހަރުން ފެށިގެން މަތިވެރީ ކައުންސިލުން އިންތިޒާމުކޮށް، ސިލްސިލާކޮށް ބާއްވަމުން އަންނަ ޙަރަކާތެކެވެ. މި ޙަރަކާތުގެ މައިގަނޑު މަޤްޞަދަކީ ބޮޑު ޢީދަށް ރަށް ސާފުކޮށް ޒީނަތްތެރިކުރުމެވެ.މަތިވެރިއަކީ ހިތްގައިމު މަންޒިލަކަށް ހެދުމީ ވެސް މި ޕްރޮގްރާމުގެ މަޤްޞަދެކެވެ. މިއަދު ހެނދުނު 7.00 ގައި ފެށުނު މި ޙަރަކާތް ހަވީރު 4.00 އާ ހަމައަށް ކުރިއަށް ދާނެއެވެ.