news photo

މުވައްޒަފުންގެ ޕާރފޯމެންސް އެވޯޑް ތަޢާރަފްކުރަނީ

25 މޭ 2025

މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްގެ މުވައްޒަފުންގެ ޕަރފޯމަންސް އެވޯޑް ތަޢާރފްކޮށް މި އަހަރުން ފެށިގެން ދެއްވާނެ ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ. 

އެ މަނިކުފާނު މިހެން ވިދާޅުވީ އެ މިނިސްޓްރީގެ ސިވިލްސަރވިސް މުވައްޒަފުންނަށް، ވަޒީފާގެ މާޙައުލުގައި ކަންތައްކުރަންވީ ގޮތް ދަސްކޮށްދެއްވުމަށް މިއަދު ހެނދުނު އެ މިނިސްޓްރީގައި ބޭއްވި ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ. މިނިސްޓަރ ވިދާޅުވީ މުވައްޒަފުން ކުރައްވާ މަސައްކަތުގެ ފެންވަރު ވަޒަންކުރެވި މި އަހަރުން ފެށިގެން ޕަރފޯމަންސް އެވޯޑް މިނިސްޓްރީގައި ތަޢާރަފުކުރައްވާނެ ކަމަށެވެ. 

މިނިސްޓަރ މިއަދު މިކަން އިޢުލާންކުރެއްވި އިރު މިނިސްޓްރީގެ ޕްލޭނިންގ ޑިޕާޓްމެންޓާއި، ކޯޕަރޭޓް ޑިޕާޓްމެންޓުން ގުޅިގެން ޕާރފޯމަންސް އެވޯޑްގެ އުޞޫލްއެކުލަވައިލުމުގެ މަސައްކަތްއަންނަނީ ކުރަމުންނެވެ. 

މިނިސްޓްރީގެ މުވައްޒަފުންގެ ތެރެއިން ޖީ.އެސް 3އިން އީ.އެކްސް 1ގެ މުވައްޒަފުންނަށް އަމާޒުކޮށްގެން "އޮފީސް ޢެޓިކެޓް"ގެ ނަމުގައި ބޭއްވި އިންހައުސް ޓްރޭނިންގ ޕްރޮގްރާމްގެ ސެޝަންތައް ނަންގަވައިދެއްވީ، މިނިސްޓަރ އާދަމް ޝަރީފު ޢުމަރާއި، އެގްޒެކެޓިވް ޑިރެކްޓަރ ޙާމިދު ޔޫސުފެވެ.