02 ޖޫން 2025
މި އަހަރުގެ އަޟުޙާ ޢީދު ފާހަގަ ކުރުމުގައި ވެސް އިސްލާމީ ތަރަހައިގެ ތެރޭގައި، އިސްލާމްދީނުގައި ހުއްދަ ކުރައްވާފައިވާ ގޮތުގެ މަތިން ރާއްޖޭގެ ހުރިހާ ރައްޔިތުން ޢަމަލު ކުރެއްވުމަށް މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްއިން އިލްތިމާސް ކުރައްވައިފިއެވެ.
މި ގޮތަށް އިލްތިމާސްކުރެއްވީ މިއަދު މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައެވެ. އެ ނޫސް ބަޔާނުގައި ބުނެފައިވަނީ ދިވެހިންނަކީ ޒަމާނުއްސުރެ، ވަރަށް ކުލަގަދަ ގޮތެއްގައި އަޟުޙާ ޢީދު ފާހަގަކުރަމުންދާ ބައެއް ކަމަށެވެ. އެ ގޮތުން އިސްލާމީ ހަމަތަކުގެ ތެރޭގައި ޢީދު ފާހަގަ ކުރުމާއި، ދިވެހި ކުދިބޮޑު އެންމެން، ޢީދުގެ އުފަލުގައި ބައިވެރިވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއް ކަމުގައެވެ.
މީގެ އިތުރުން އިސްލާމީ އުޞޫލުތަކާއި، ހުދޫދުތަކާއި، މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހުރިހައި ރަށްރަށެއްގައި ވެސް ޢީދުގެ ކުޅިވަރުތަކާއި، ޙަރަކާތްތައް ރާވައި، ހިންގުމަށް މިނިސްޓްރީގެ ނޫސްބަޔާނުގައި ވަނީ ބާރު އަޅުއްވާފައެވެ.