28 ޖޫން 2025
އިސްރަށްވެހިންނަކީ ޤައުމު ބިނާކުރުމުގައި ވަރަށް ޒިންމާދާރު، ހަރުދަނާ މަސައްކަތްތަކެއް ކުރައްވާފައިވާ ޤައުމުގެ ރައުސުލްމާލެއް ކަމަށް މިނިސްޓަރ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވުދާޅުވީ އެކްސްގައި ކުރެއްވެވި ޕޯސްޓެއްގައެވެ.
މިނިސްޓަރ ކުރެއްވެވި މި ޕޯސްޓްގައި، ޤައުމުގެ ކުރިމަގު ބައްޓަންކުރުމުގައި އިސްރަށްވެހިންގެ ތަޖުރިބާ ހިއްސާކުރުން މުހިންމު ކަމުގައި ވިދާޅުވެފައި ވެއެވެ. އަދި އުނގޫފާރު ސައިފު ޖަމްޢިއްޔާއިން އެ ފުރުޞަތު އިސްރަށްވެހިންނަށް ފަހިކޮށްދެއްވާތީ އުފާފުޅުކުރައްވާ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.
އެ މަނިކުފާނު ރ. އަތޮޅަށް މިހާރުކުރައްވަމުންދާ ދަތުރުފުޅުގައި، އުނގޫފާރު ސައިފު ޖަމްޢިއްޔާއިން ބޭއްވެވި އިސްރަށްވެހިންގެ ހަވީރުގައި ބައިވެވަޑައިގެން އުފާވެރި ވަގުތުކޮޅެއް އިސްރަށްވެހިންނާއެކު ވަނީ ހޭދަކުރައްވާފައެވެ. މި ހަވީރަކީ ޖަމްޢިއްޔަތުއްސައިފަށް 64 އަހަރު ފުރުމާ ގުޅިގެން ބޭއްވި ހަވީރެކެވެ.