news photo

މަދަރުސީ ތައުލީމުގެ ޤައުމީ މަންހަޖުގެ ތަޞައްވުރަކީ ކުދިން ދިރިއުޅުމަށް ތައްޔާރުކުރުން: މިނިސްޓަރ އާދަމް ޝަރީފު ޢުމަރު

30 ޖޫން 2025

މަދަރުސީ ތައުލީމުގެ ޤައުމީ މަންހަޖުގެ ތަޞައްވުރަކީ ކުދިން ދިރިއުޅުމަށް ތައްޔާރުކުރުން ކަމަށް  މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އޮނަރަބްލް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ހުރަވީ ސުކޫލުގެ އިނާމު ދިނުމުގެ ޖަލްސާ 2025 ޝަރަފުވެރިކޮށްދެއްވާ ރޭ ދެއްކެވި ވާހަކަފުޅުގައެވެ. 

"މި ތަޞައްވުރަށް ވާސިލުވުމަށް ޓަކައި ދަރިވަރުންނަކީ އިސްލާމީ ޢަޤީދާ ވަރުގަދަ، އަމިއްލަވަންތަކަމާއި، ދިވެހި ޤައުމިއްޔަތު ދަމަހައްޓައި، ޤާބިލު އަދި އަމިއްލަ ނަފުސަށް އިތުބާރުކުރާ ފަރުދަކަށް ހަދަންޖެހޭ! އުނގެނުމާއި، ހޯދާބެލުމަށް ޝައުޤުވެރިވާ، ޢިލްމު އުފައްދާ ކާމިޔާބު ފަރުދަކަށް ހަދަންޖެހޭ! ތިމާގެ އަމިއްލަ ޢާއިލާއާއި، މުޖުތަމަޢުއާއި، ބަވަނަވަމުންދާ ދުނިޔޭގައި ހިއްސާ އަދާކުރާ، އުފެއްދުންތެރި، އަދި ޒިންމާދާރު ފަރުދަކަށް ހަދަންޖެހޭ!" މިނިސްޓަރ ވިދާޅުވިއެވެ. 

ހުރަވީ ސުކޫލުގެ އިނާމު ދިނުމުގެ ޖަލްސާ 2025 ޝަރަފުވެރިކޮށްދެއްވާ ރޭ މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ދެއްކެވި ވާހަކަފުޅުގައި މަދަރުސީ ތައުލީމުގެ ޤައުމީ މަންހަޖުގެ ތަޞައްވުރަށް ވާޞިލުވުމުގެ ޒިންމާ އުފުއްލަވަން، އެންމެ ބޮޑަށް މަސައްކަތް ކުރައްވަނީ މުދައްރިސުން ކަމަށް ވިދާޅުވިއެވެ. 

ހުރަވީ ސުކޫލުގެ އިނާމު ދިނުމުގެ ޖަލްސާ 2025ގެ މަތީ ވަނަތައް ހޯދި ދަރިވަރުންނަށް އިނާމާ، ތައްޓާ، ޝީލްޑް ޙަވާލުކޮށްދެއްވީ މިނިސްޓަރ އާދަމް ޝަރީފު ޢުމަރެވެ. ރޭ ބޭއްވި މި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ވެރީންނާއި، ހުރަވީ ސުކޫލުގެ ވެރީންނާއި، މުދައްރިސުންނާއި، ބެލެނިވެރިންނާއި ގިނަ ޢަދަދެއްގެ ކިޔަވާކުދިން ބައިވެރިވިއެވެ.