news photo

ދެއްވަދޫ ގިރާ ސަރަޙައްދަށް ޙިމާޔަތްކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ

02 ޖުލައި 2025

ގއ. ދެއްވަދޫ ގިރާ ސަރަޙައްދަށް ޙިމާޔަތްކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ. ރައްޔިތުން ކަންބޮޑުވާ މިންވަރަށް ރަށްގިރުމުގެ މައްސަލަ ކުރިމަތިވެފައިވާ ދެއްވަދޫގެ ގިރާ ސަރަޙައްދު ޙިމާޔަތްކުރުމުގެ މަސައްކަތަކީ އެ ރަށު ކައުންސިލުން އެދިލައްވައިގެން މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްގެ ތިނަދޫ ޕަބްލިކް ވަރކްސް ޔުނިޓާއި، އެމްޓީސީސީ ގުޅިގެން ކުރުމަށް ތައްޔާރުވަމުންދާ މަސައްކަތެކެވެ. 

ދެއްވަދޫ ކައުންސިލްގެ ރައީސް ހާމަކުރެއްވި ގޮތުގައި، އެ ރަށުގެ ގިރާ ސަރަޙައްދު ޙިމާޔަތްކުރުމުގެ މަސައްކަތަކީ އެމްޓީސީސީއާ ޙަވާލުކޮށްފައިވާ މަސައްކަތެކެވެ. ނަމަވެސް މަސައްކަތް މެދުކެނޑިފައި އޮންނަތާ ގިނަ ދުވަސްތަކެއްވުމުގެ ސަބަބުން ޚާއްޞަކޮށް މި ދުވަސްވަރު އެ ސަރަޙައްދު އާދައާޚިލާފަށް ގިރަމުން އަންނަކަން ވަނީ ފާހަގަކުރެވިފައެވެ. އެހެންކަމުން މިހާރު ފެށުމަށް ތައްޔާރުވަމުންދާ މި މަސައްކަތަކީ ވަގުތީ ޙައްލެއް ހޯދުމުގެ ގޮތުން ކުރެވޭ މަސައްކަތެކެވެ. 

"މިހާރު ރަށުގެ އިރުމަތި ފަރާތުގައި، މީހުން ދިރިއުޅޭ ގެތަކާ ދޭތެރޭގައި ނުގިރާ އޮތީ ވިއްސަކަށް ފޫޓު. އެ ވިއްސަކަށް ފޫޓު ނުގިރާ އެ އޮތީ އެ ސަރަޙައްދުގައި ހުރި ހައެއްކަ ރުކުގެ ސަބަބުން. މި ހުޅަނގު އެ ހައެއްކަ ރުއް ވެއްޓިއްޖެ ނަމަ އެ ސަރަޙައްދު މިހާރު އެ އޮތްވަރަށް ވެސް ނޯންނާނެ" ދެއްވަދޫ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. 

މި މަސައްކަތަށް މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ދެއްވި ސަމާލުކަން ފާހަގަކުރައްވާ މިނިސްޓަރަށާއި، ތިނަދޫ ޕަބްލިކް ވަރކްސް ޔުނިޓުގެ މުވައްޒަފުންނަށް ދެއްވަދޫ ކައުންސިލްގެ ރައީސް ޝުކުރުއަދާކުރެއްވިއެވެ. މަސައްކަތް ފެށުމަށް ބޭނުންވާ ބައެއް ވެހިކަލް ތިނަދޫ ޕަބްލިކް ވަރކްސް ޔުނިޓުން މިއަދު ހެނދުނު ވަނީ އެ ރަށަށް ގެންދެވިފައެވެ.