14 ޖުލައި 2025
ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕަބްލިކް ވާރކްސްގެ ޔުނިޓްތައް ޤާއިމު ކުރުމަަށް ރޖ. ޑރ މުޙައްމަދު މުޢިއްޒު ނިންމަވާފައިވާ ނިންމެވުމުގެ ދަށުން، މިހާރު އެ ޚިދުމަތް ނުދެވޭ އަތޮޅުތަކުގައި އެ ޔުނިޓްތައް ޤާއިމު ކުރާނެ ރަށްތައް ކަނޑައެޅުމަށްފަހު މިއަދު އިޢުލާންކޮށްފިއެވެ.
މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މިހާރު ޕަބްލިކް ވާރކްސްގެ ޚިދުމަތް ނުދެވޭ އަތޮޅުތަކުގައި ޔުނިޓްތައް ޤާއިމު ކުރުމަށް ނިންމާފައިވާ ކަމަށެވެ.
މިގޮތުން ޕަބްލިކް ވާރކްސްގެ ޔުނިޓުތައް ޤާއިމުކުރުމަށް ނިންމާފައިވަނީ ހއ. ދިއްދޫ، ށ. ފުނަދޫ، ނ. މަނަދޫ، ރ. މާކުރަތު، ބ. އޭދަފުށި، ޅ. ނައިފަރު، ކ. ތުލުސްދޫ، އއ. ރަސްދޫ، އދ. މަހިބަދޫ، ވ. ފެލިދޫ، މ. މުލި، ފ. ނިލަންދޫ، ދ. ކުޑަހުވަދޫ، ތ. ވޭމަންޑޫ، ގއ. ވިލިނގިލި ގައި ކަމަށެވެ.
މި ރަަށްތައް ކަނޑައެޅުމުގައި މިންގަނޑެއްކަމަށް ބަލާފައިވާނީ އަތޮޅު ކައުންސިލް ހިންގާ ރަށް ކަމުގައިވެސް މިނިސްޓަރގެ އެކްސް ޕޯސްޓެއްގައި ވަނީ ވިދާޅުވެފައެވެ. އެގޮތުން މި ޔުނިޓްތައް ޤާއިމު ކުރުމާބެހޭ އިދާރީ މަސައްކަތް މިނިސްޓްރީއިން ކުރަމުން އަންނަކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.