news photo

ރައްޔިތުން ބޭނުންވާގޮތަށް ކަންކަން ހިންގުމަށް ރައީސުލްޖުމްހޫރިއްޔާ ބާރު އަޅުއްވާ: މިނިސްޓަރ

24 ޖުލައި 2025

ރައްޔިތުން ބޭނުންވާގޮތަށް ކަންކަން ހިންގުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބާރު އަޅުއްވާކަން ނ އަތޮޅަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ދަތުރުފުޅުން ފާހަގަ ކުރެއްވުނު ކަމުގައި މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން މިނިސްޓަރ ވިދާޅުވީ ނ އަތޮޅަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި ދަތުރުފުޅުގައި އެންމެ ބޮޑަށް ފާހަގަ ކުރެވުނު އެއްކަމަކީ ރައްޔިތުން އެދޭގޮތަށް ސަރުކާރުގެ އެކި މުއައްސަސާތަކުން ރަށްރަށުގައި ހިންގުމަަށް ރޭވިފައި ހުރި މަޝްރޫޢުތަކަށް ރައްޔިތުން އެދޭގޮތަށް ބަދަލުގެނެސްދެއްވައި، ރައްޔިތުން ބޭނުންވާގޮތަށް ކަންކަން ތަރުތީބުކޮށް، ރާވައި، ހިންގުމަށް ބާރު އެޅުއްވުން ކަމުގައެވެ.

އެކްސްގައި ކުރެއްވި ޕޯސްޓުގައި މިނިސްޓަރ އިތުރަށް ވިދާޅުވެފައިވަނީ ލާމަރުކަޒީ އުޞޫލުން އިދާރީ ދާއިރާތައް ހިންގުމާއި ރައްޔިތުންނާ ގާތުން، ރައްޔިތުން ބޭނުންވާގޮތަށް ވެރިކަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ބާރުއަޅުއްވާ މިންވަރު ހާމަވެގެންދާކަމަށެވެ.

ކުރިމަގުގައި ސަރުކާރުން ހިންގާ މަޝްރޫޢުތައް ރާވައި ހިންގުމުގައި ރައްޔިތުންގެ މަޝްވަރާ އާއި ޚިޔާލު ހޯދުމުގެ މަފުހޫމަށް މިހާރަށްވުރެ ބޮޑަށް ސަމާލުވުމަށް އިތުރަށް ހިތްވަރު ލިބިގެންދިޔަ ކަމަށާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ލާމަރުކަޒީ ނަޒާމާއި ރައްޔިތުން ބާރުވެރިކަން އިތުރުވާނެކަމުގެ ފުރިހަމަ ޔަޤީން އޮތްކަމުގައި މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.