news photo

މިނިސްޓްރީގެ 2025 ވަނަ އަހަރުގެ 'އަހަރު މެދު މުރާޖާ' ބައްދަލުވުން މިއަދު ބާއްވައިފި

29 ޖުލައި 2025

"އަހަރު މެދު މުރާޖާ 2025"ގެ ނަމުގައި މިނިސްޓްރީ އޮފް ސިޓީސް ލޯކަލް ގަވަރމެންޓް އެންޑް ޕަބްލިކް ވަރކްސްއިން މިއަދު ހެނދުނުން ފެށިގެން ހަވީރާއެކު ކުރިއަށް ގެންދާ މި ބައްދަލުވުން، ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސިވިލް ސާރވިސް ކޮމިޝަންގެ ރައީސް އަލްފާޟިލް މުޙައްމަދު ނާޞިޙެވެ.

މި ބައްދަލުވުމަކީ މި އަހަރުގެ ނިމިދިޔަ 6 މަހުގެ މަސައްކަތް މުރާޖާކޮށް، މިނިސްޓްރީގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ކުރިއަށްގެންދާ ބައްދަލުވުމެކެވެ. މި ބައްދަލުވުން ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ވަނީ ސިވިލްސަރވިސް ކޮމިޝަންގެ ރައީސް އަދި ނައިބު ރައީސަށް ޝުކުރުއަދާކުރައްވާފައެވެ.

މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ވިދާޅުވީ މަދަނީ އަދި ސިވިލް މުވައްޒަފުންގެ ތެރޭގައި ވަރަށް ބުރަކޮށް މަސައްކަތްކުރައްވާ މުވައްޒަފުން އެބަތިބި ކަމަށެވެ. މީގެ އިތުރުން މިނިސްޓްރީގެ ބައެއް ސެކްޝަންތައް ސިވިލް މުވައްޒަފަކު ނެތި ހިނގަމުންދާކަން ވެސް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި މުވައްޒަފުންނާ ހަވާލުކުރެވޭ މަސައްކަތްތައް ފަރުވާތެރިކަމާއެކު ކުރުމަށް ހުރިހާ މުވައްޒަފުންނަށް ބާރުއަޅުއްވައި، އެ ކަމަށް އިލްތިމާސް ކުރެއްވިއެވެ. އަދި މިނިސްޓްރީގެ މުވައްޒަފުން ކުރައްވާ ބުރަ މަސައްކަތުން ރަނގަޅު ކާމިޔާބީތަކެއް ޙާޞިލްކުރެވިފައިވާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން މުވައްޒަފުން ކުރާ މަސައްކަތުގެ އަގުވަޒަންކޮށް ހިތްވަރު ދިނުމުގެ ގޮތުން މުވައްޒަފުންނަށް އެވޯޑު ދިނުމަށް ނިންމާފައިވާ ކަމުގައި މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.