12 އޯގަސްޓު 2025
ކައުންސިލްތަކަށް ބްލޮކް ގްރާންޓް ދޫކުރަނީ ރައްޔިތުންނަށް ފައިދާވާ ކަންކަމަށް ޚަރަދުކުރުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ މާޅޮސްމަޑުލު ދެކުނުބުރިއަށް މިހާރު ކުރައްވަމުން އަންނަ ދަތުރުފުޅުގައި އޭދަފުށްޓަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޤާނޫނުގައި ކަނޑައަޅައިފައިވާ ގޮތުގެ މަތިން ކައުންސިލްތަކަށް ދޫކުރާ ބްލޮކް ގްރާންޓަކީ ރައްޔިތުންނަށް ދޭންޖެހޭ މުނިސިޕަލް ޚިދުމަތްތަކުގެ އިތުރުން، ރައްޔިތުންނަށް ފައިދާވާ ކަންކަމަށް ޚަރަދުކުރުމަށް ދޫކުރާ ފައިސާ ކަމަށެވެ. އަދި އެ ފައިސާ ދޫކުރަނީ ޚަރަދުނުކޮށް ބާކީކުރަން ނޫންކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވީ އެ ފައިސާ ކައުންސިލްތަކަށް ދެނީ ރައްޔިތުންނަށް ބޭނުންވާ މުނިސިޕަލް ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށެވެ. އަދި އެ ފައިސާ މުނިސިޕަލް ޚިދުމަތްތަކަށް ޚަރަދުކުރުމަކީ ކައުންސިލްތަކަށް ލާޒިމްކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން އެ މަނިކުފާނު ވިދާޅުވީ އަހަރު ނިމޭ އިރު އެ ފައިސާގެ 50 އިންސައްތަ އަތްނުލައި ބާކީކޮށް، ކައުންސިލުތަކުން ފައިސާ ރައްކާކުރަނީ ކޮން ބޭނުމެއްގައިކަން ހާމަނުކުރައްވާ ކަމަށެވެ.
އޭދަފުށީ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ބައެއް ކައުންސިލްތަކުން ބްލޮކް ގްރާންޓުން ތަޖުރިބާ ދަތުރުތަކަށް ރާއްޖެއިން ބޭރަށް ދަތުރުކުރުން ފަދަ، ބޭކާރު ޚަރަދުތައް ކުރެއްވުމުގެ ބަދަލުގައި، ރައްޔިތުންނަށް ފައިދާހުރި ކަންކަން ކުރެއްވުމަށް އިލްތިމާސްކުރެއްވިއެވެ.