13 އޯގަސްޓު 2025
ސޯޝަލް ހައުސިންގ މަޝްރޫޢުތަކުން ދޫކުރާ ގޯތި ނުވަތަ ފްލެޓް ދޫކުރުމުގައި، ރަށު ކައުންސިލުން ކަނޑައަޅައި އުސޫލުތަކަކީ ސަރުކާރުގެ ސިޔާސަތުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މާޅޮސްމަޑުލު ދެކުނުބުރިއަށް މިހާރު ކުރައްވަމުން ގެންދަވައި ދަތުރުފުޅުގައި، ބ. ތުޅާދޫގެ ރައްޔިތުންނާ މިއަދު ބައްދަލުކުރައްވައި، ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުން ހިންގާ ސޯޝަލް ހައުސިންގ މަޝްރޫޢުތަކުން ދޫކުރާ ގޯތި ނުވަތަ ފްލެޓް ދޫކުރުމުގައި އެ ރަށެއްގެ ރައްޔިތުންގެ ބޭނުންތަކާއި ޙާލަތަށް ރިޢާޔަތްކުރެވި، ރަށު ކައުންސިލުން ކަނޑައަޅައި އުޞޫލުތަކަށް ޢަމަލުކުރައްވާނެ ކަމަށާއި، ރައްޔިތުންގެ އެ ފަދަ ނިންމުންތަކަށް އިޙްތިރާމްކުރުމަކީ ސަރުކާރުގެ ސިޔާސަތުކަމަށެވެ. އަދި، އެއީ ސަރުކާރުން ކޮންމެ ރަށެއްްގައި އަމަލުކުރާނޭ ސިޔާސަތުކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
ތުޅާދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްކެވިވާހަކަފުޅުގައި ތުޅާދޫގައި އައު 100 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް އިޢުލާންކުރައްވާފައި ވެއެވެ. އަދި، ތުޅާދޫގެ ރައްޔިތުން އަމިއްލައަށް ހިއްކާފައިވާ 119 ގޯތި އަމިއްލަކުރެވޭނޭ ގޮތް ހައްދަވައިދެއްވުމަށް އެ ރައްޔިތުން އެދިފައިވާ ކަމަށާ، އެ ކަން ސަރުކާރުން ފަހިކޮށްދެއްވާނެކަމުގެ ޔަޤީންކަން ވެސް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.