news photo

މާމަޑުއްވަރީގެ އެއްބަސްވުން ޤާނޫނީ އިމުގެ ތެރެއިން ބާޠިލުކޮށް ހިތާދޫއަށް ދެއްވުމަށް ސަރުކާރުން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

13 އޯގަސްޓު 2025

ޓޫރިޒަމަށް ދޫކޮށްފައިވާ ބ. އަތޮޅު މާމަޑުއްވަރީގެ އެއްބަސްވުން ޤާނޫނީ އިމުގެ ތެރެއިން ބާޠިލުކޮށް އެ ރަށް ބ. ހިތާދޫއަށް ދެއްވުމަށް ސަރުކާރުން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ ހިތާދޫ ރައްޔިތުންނާ ބައްދަލުކުރައް ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ހިތާދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ މާމަޑުއްވަރިއަކީ، ހިތާދޫގެ ރައްޔިތުންނާ ތާރީޚީ ގޮތުން ގުޅިފައިވާ ރަށެއް ކަމަށާ، ހިތާދޫގެ ރައްޔިތުން މާމަޑުއްވަރީގައި އެކިކަހަލަ މަސައްކަތްކޮށްގެން އިޤްތިޞާދީ މަންފާ ހޯދައިފަައިވާ ކަމަށެވެ. 

ހިތާދޫ ރައްޔިތުންނާ މުޚާޠަބުކޮށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ  މާމަޑުއްވަރިއަކީ މިހާރު ޓޫރިޒަމް އެގްރީމެންޓެއްގެ ތެރެއިން ބަޔަކާ ހަވާލުކޮށްފައި އޮންނަތާ ދުވަސްތަކެއްވެފައިވާ އެހެންނަމަވެސް އެއްގޮތަކަށް އެއްބަސްވުމާ އެއްގޮތަށް މަސައްކަތްތައް ނުހިނގާ އޮތް ރަށެއް ކަމަށެވެ. 

"އެހެންވީމާ މި ދެންނެވި އެގްރީމެންޓު، ޤާނޫނާއި ޤަވަޢިދުގެ ތެރެއިން އޮންނަ އުޞޫލުގެ މަތިން ނިމުމަކަށް ގެނެސް އެ ރަށް (މާމަޑުއްވަރީ) ހިތާދޫއާ ހަވާލުކުރުމަށް އަޅުގަނޑު ނިންމާ ވާހަކަ ދަންނަވަން" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މާމަޑުއްވަރީގެ އެއްބަސްވުން ނިމުމަކަށް ގެނައުމުގެ މަސައްކަތް ޓޫރިޒަމް މިނިސްޓްރީން އަދި އެޓާނީ ޖެނެރަލް އޮފީހުން ކޮށް ނިމުނުހާ އަވަހަކަށް ހިތާދޫއާ ހަވާކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެނގިވަޑައިގަންނަވާނެ ފަދައިން މި ސަރުކާރުން އަންނަނީ މާލީ ގޮތުން ކައުންސިލްތައް ބާރުވެރިކުރުމަށް ޓަކައި އެތައް މަސައްކަތްތަކެއް ކުރައްވަމުންނެވެ.