news photo

ރައްޔިތުން އެދޭ ގޮތަށް ކަންކަން ކުރިއަށް ގެންދިއުމަށް ކައުންސިލްތަކާއި މުއައްސަސާތަކުން އެއްބާރުލުން ދޭން ޖެހޭ: ރައީސުލްޖުމްހޫރިއްޔާ

14 އޯގަސްޓު 2025

ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ކުރިއަށް ގެންދިއުމަށް ކައުންސިލްތަކާއި މުއައްސަސާތަކުން ހުރަސްއެޅުމުގެ ބަދަލުގައި އެއްބާރުލުން ދޭން ޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ ދަރަވަންދޫ ރައްޔިތުންނާ ރޭ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. 

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސިޔާސީ ވިސްނުމަށް ޖާގަދެވި، ހުރަސްތަކެއް ކުރިމަތިވުމުން އެ ކަމުގެ ސަބަބުން އާޚިރުގައި ގެއްލުން ވަނީ ރައްޔިތުންނަށް ކަމަށެވެ. އެހެންކަމުން ރައްޔިތުންނަށް ފުރިހަމަ ގޮތުގައި ސަރުކާރުން ހިދުމަތް ދެވޭނެ ގޮތަށް ކަންކަން ބައްޓަންކުރުމަކީ އަބަދުވެސް ސަރުކާރުގެ ސިޔާސަތު ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 

ދަރަވަންދު ރައްޔިތުންނާ މުޚާޠަބުކުރައްވާ ރޭ ރައިސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ލާމަރުކަޒީ ނިޒާމަށް އިސްލާހު ގެނައުމަށް ކުރަމުންދާ މަސައްކަތުގެ ޙަޤީޤަތް އޮޅުވާލުމަށް ބައެއް ފަރާތްތަކުން ޙަރަކާތްތެރިވާކަން ފާހަގަކުރައްވައި، ވިދާޅުވީ ކައުންސިލްތައް ހިންގަންޖެހޭނީ ރައްޔިތުންނަށް ފައިދާވާ ގޮތަށް ކަމަށާއި އަދި ރައްޔިތުން ބާރުވެރިކުރެވޭނެ ގޮތަށް ކަމަށެވެ. ސަރުކާރުން ހުށަހަޅއިގެން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ އިޞްލާޙުތަކުގައި ވެސް ވަނީ އެ ކަންކަން ބަޔާންކޮށްފައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.