14 އޯގަސްޓު 2025
ލާމަރުކަޒީ ނިޒާމަށް ބަދަލުގެނައުމަށް ފާސްކޮށްފައިވާ އިޞްލާޙްތަކުގެ ސަބަބުން ލިބޭނީ އިތުރު ބާރުވެރިކަން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ ދަރަވަންދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ރޭ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ލާމަރުކަޒީ ނިޒާމަކީ އެ މަނިކުފާނު ފުރިހަމަ އަށް ޤަބޫލުފުޅު ކުރައްވާ ނިޒާމެއް ކަމަށެވެ. އަދި އެ ނިޒާމަށް ބަދަލުގެނައުމަށް ސަރުކާރުން ހުށަހަޅައިގެން ރައްޔިތުންގެ މަޖިލީހުން މިހާރު ފާސްކޮށްފައިވާ އިޞްލާޙްތަކުގެ ސަބަބުން ލިބޭނީ އިތުރު ބާރުވެރިކަން ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ރޭ ދަރަވަންދޫގައި ދެއްކެވި ވާހަކަފުޅުގައި ލާމަރުކަޒީ ޤާނޫނަށް ގެންނަ މުހިންމު 4 ބަދަލެއްގެ ވާހަކަ ވަރަށް ތަފްޞީލްކޮށް ވިދާޅުވެދެއްވާފައި ވެއެވެ. އަދި އެ އިޞްލާޙްތަކަކީ މާލީ ބާރުވެރިކަން ނިގުޅައިގަންނަ އިޞްލާޙްތަަކެއް ކަމަށް 50 އަށް ވުރެ ގިނަ ކައުންސިލާއި، އިދިކޮޅު އެމްޑީޕީން ދެކެމުންދާ ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ވިޔަފާރި ކުރުމާ ގުޅޭ ގޮތުން އިޞްލާޙް ގެނައީ ރަށްރަށުގެ ރައްޔިތުން ހިންގާ ކުދި ވިޔަފާރިތައް ޙިމާޔަތްކުރުމަށް ކަމަށެވެ. ފެނާއި ކަރަންޓު ފަދަ އަސާސީ ބޭނުންތަކަށް ދޫކުރާ ބިންތަކުން ނަގަމުންދާ ކުއްޔަށް ބަދަލުގެނައީ، ކުލި ނެގީމާ ރައްޔިތުންނަށް ދޭ ހިދުމަތް އަގު ބޮޑުވެގެންދާތީ ކަމަށެވެ.
ރައީސް ވިދާޅުވީ، އާމްދަނީ ހޯދަން ކަންކަން ކުރާއިރު އެ ވިޔަފާރިން ލިބޭ ފައިދާ އިން ޓެކްސް ދައްކަން ޤާނޫނުން ލާޒިމްކުރާ އިރުވެސް ކައުންސިލްތަކަށް ލިބޭ އާމްދަނީން ޓެކްސް ނުދައްކާ ކަމަށެވެ. އެހެންކަމުން ގެންނަ އިޞްލާޙުގެ ސަބަބުން ޓެކްސްދައްކަން ކައުންސިލްތަކަށް ލާޒިމްވާނެ ކަމަށެވެ. އަދި ޓެކްސް ނަގަނީ ރައްޔިތުން ބާރުވެރި ކުރުވަން ކަމަށާއި، ރައްޔިތުންނަށް މުއްސަނދިކަން ގެނެސްދޭން ކަމަށެވެ.
ހަތަރުވަނަ އިޞްލާޙަކީ ކައުންސިލްތަކުގެ އެކައުންޓުތަކުގައި ހުންނަ ފައިސާގެ މަޢުލޫމާތު ހާމަނުކުރާތީ ގެނައި އިޞްލާޙެއް ކަމަށެވެ. އަދި އެ އިޞްލާޙުގެ ސަބަބުން އެކައުންޓަށް ޖަމާކުރާ ފައިސާގެ މަޢުލޫމާތު ލޯކަލް ގަވަމެންޓް އޮތޯރިޓީއާ ހިއްސާ ކުރަން ޖެހޭނެ ކަމަށެވެ.