31 އޯގަސްޓު 2025
މުޅި ރާއްޖެއަށް ނިސްބަތްކުރި ކަމަށްވިޔަސް ށ. އަތޮޅު ކައުންސިލް ފާހަގަކުރެވިގެންދަނީ ވަރަށް މަސައްކަތްކުރާ ކައުންސިލެއްގެ ގޮތުގައި ކަމަށް މިނިސްޓަރ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އޮނަރަބްލް އާދަމް ޝަރީފު ޢުމަރު ވިުދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ މި އަހަރުގެ ޤައުމީދުވަސް އަތޮޅު ފެންވަރުގައި ފާހަގަކުރުމަށް ށ. އަތޮޅު ބިލެތްފަހީގައި ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ދެއްކެވިވާހަކަފުޅުގައެވެ.
މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ދެއްކެވިވާހަކަފުޅުގައި އަތޮޅު ކައުންސިލްތައް މިހާރު ހިނގަމުންދާ ގޮތަށް ރިޢާޔަތްކުރާ އިރުވެސް ށ. އަތޮޅު ކައުންސިލުން ރަނގަޅު މަސައްކަތްތަކެއް ކުރެވިގެން ދަނީ ރަނގަޅު ބިންގަލެއް އެ އަތޮޅުގައި އެޅިފައި އޮތީމަކަމަށް ވިދާޅުވިއެވެ. އަދި އަތޮޅުވެރިކަން ކުރަމުން ދިޔަ ޒަމާނުގައި ވެސް ށ. އަތޮޅު ފާހަގަކުރެވިފައި ވަނީ ވަރަށް ރަނގަޅު އަދި ހަރުދަނާ މަސައްކަތްތަކެއް ކުރަމުންދާ އަތޮޅެއްގެ ގޮތުގައި ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
"އަތޮޅުގެ ރަށްތައް އެކަހެރިކޮށް، އެކި ގޮތަށް އެކި ދިމާއަށް ބެހިފައި އޮތަސް ށ. އަތޮޅަކީ އަތޮޅަށް ރީތިނަން ހޯދުމަށް ނުވަތަ ހޯދައިދިނުމަށް އެކުވެރިކަމާއެކު އަބަދުވެސް މަސައްކަތްކުރަމުންއައި ރައްޔިތަކު ދިރިއުޅޭ އަތޮޅެއް" މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ވިދާޅުވިއެވެ.
ޤައުމީދުވަސް އަތޮޅުފެންވަރުގައި ފާހަގަކުރުމަށް ބިލެތްފަހީގައި ބޭއްވި މި ޖަލްސާގައި މިނިސްޓަރ ދެއްކެވިވާހަކަފުޅުގައި އަތޮޅު ފެންވަރުގައި ފާހަގަކުރާ ޤައުމީ ދުވަހުގެ ޙަރަކާތްތަކުގައި ބައިވެރިވުމަށް ބިލެތްފައްސަށް ވަޑައިގަތުމުން ޤައުމީ ކުލަތަކުން ޖަރީވެފައިވާ ރަށެއް ފެނިގެންދިޔަކަމުގެ އިޙްސާސްކުރެވުނު ކަމަށް ވިދާޅުވިއެވެ. އަދި ޤައުމީދުވަސް އަތޮޅުފެންވަރުގައި ކުލަގަދަ ގޮތެއްގައި ފާހަގަކުރާކަން އެއީ އެ މަނިކުފާނަށް ވަރަށް ބޮޑު އުފާފުޅެއް ލިބިވަޑައިގެންނެވި ކަމެއްކަމަށް ވެސް ވިދާޅުވިއެވެ.