31 އޯގަސްޓު 2025
ޤައުމުގެ ދިފާޢުގައި ޖިހާދުކުރަން ނުކުންނާނެ ޒުވާން ޖީލެއް އުފެދިގެންދާނެ ކަމުގެ އުންމީދު އާވެއްޖެ ކަމަށް މިނިސްޓަރ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އޮނަރަބްލް އާދަމް ޝަރީފު ޢުމަރު ވިުދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ މި އަހަރުގެ ޤައުމީދުވަސް އަތޮޅު ފެންވަރުގައި ފާހަގަކުރުމަށް ށ. އަތޮޅު ބިލެތްފަހީގައި ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ދެއްކެވިވާހަކަފުޅުގައެވެ.
"ޤައުމީދުވަސް ފާހަގަކުރުމަށް ބޭއްވި ޚާއްޞަ ހަވީރުގައި ސުކޫލު ދަރިވަރުން ހުށަހަޅައިދިން އައިޓަމްތަކަކީ އޭގެ ޒާތުގަ ވަރަށް ގިނަ މާނަތައް އެކުލެވިގެންވާ ވަރަށް ގިނަ ދަރުސުތައް ލިބިގެން ދިޔަ ޙަރަކާތެއް. ޚާއްޞަކޮށް ޤައުމުގެ ދިފާޢުގައި ޖިހާދުކުރަން ނުކުންނާނެ ޒުވާން ޖީލެއް އުފެދިގެންދާނެ ކަމުގެ އުންމީދު އާވެގެން ދިޔަ ކަމެއް" މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ދެއްކެވިވާހަކަފުޅުގައި ޤައުމީދުވަހާ ގުޅިގެން ބިލެތްފަހީގައި ބޭއްވިގެން ދިޔަ ޙަރަކާތްތަކުގައި ސުކޫލު ދަރިވަރުންގެ ތަމްސީލްކޮށްދިން ކަންކަމުން މިއަދުގެ ޒުވާން ޖީލުވެސް އަޅުގަނޑުމެން ޤައުމުގެ މިނިވަންކަމާ، ޤައުމަށް ޓަކައި އެކި ފަރާތްތަކުން ކުޅަ ޖިހާދުތަކުގެ ހަނދާންތައް އާކުރަމުންދާކަމުގެ އިޙްސާސް ކުރެވިއްޖެ ކަމަށް ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި މިނިސްޓަރދެއްކެވި ވާހަކަފުޅުގައި ށ. އަތޮޅުގެ ޚިދުމަތްތެރިއެއްކަމުގައިވާ ބިލެތްފަހީ ޢަބްދުލްޣަފޫރު (ޣަފޫރުބެ)އާއި، ދިވެހިރާއްޖޭގެ އިޤްތިޞާދުގެ އެންމެ ވަރުގަދަ އެއް ތަނބުކަމުގައިވާ ރާއްޖޭގެ ޓުއަރިޒަމް ތަރައްޤީކުރުމުގަ އެންމެ ބޮޑު ޚިދުމަތެއްކުރެއްވި އެއް ބޭފުޅެއް ކަމުގައިވާ މުޙައްމަދު ޢުމަރުމަނިކު ދެމިއޮތުމުގެ ޢާލަމަށްދަތުރުކުރެއްވުމުގެ ހިތާމާގައި ބައިވެރިވެ އެ މަރުޙޫމުންގެ ޢާއިލާއަށް ކެތްތެރިކަމަށް އެދިވަޑައިގެން ތަޢުޒިޔާވިދާޅުވެ އެ ދެބޭފުޅުންގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތްލެއްވުން އެދި ދުޢާ ދެންނެވިއެވެ.