news photo

ބޮޑުތަކުރުފާނުގެ ޖިހާދުގައި މަރޮށީގެ ރައްޔިތުން ދެއްކެވި އިޚްލާޞްތެރިކަމަކީ ޢިބުރަތް ޙާޞިލްކުރަންޖެހޭ ކަމެއް: މިނިސްޓަރ

31 އޯގަސްޓު 2025

ބޮޑުތަކުރުފާނުގެ ޖިހާދުގައި މަރޮށީގެ ރައްޔިތުން ދެއްކެވި އިޚްލާޞްތެރިކަމަކީ ޢިބުރަތް ޙާޞިލްކުރަންޖެހޭ ކަމެއް ކަމަށް މިނިސްޓަރ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އޮނަރަބްލް އާދަމް ޝަރީފު ޢުމަރު ވިުދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ މި އަހަރުގެ ޤައުމީދުވަސް އަތޮޅު ފެންވަރުގައި ފާހަގަކުރުމަށް ށ. އަތޮޅު ބިލެތްފަހީގައި ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ދެއްކެވިވާހަކަފުޅުގައެވެ.

"ބޮޑުތަކުރުގފާނުގެ ޖިހާދުގައި ށ. އަތޮޅަކީ ވަރަށް ޚާއްޞަ އަތޮޅެއް. އެ ޖިހާދުގައި ވަރަށް ބޮޑު ޚިދުމަތެއްކޮށްދެއްވި އަތޮޅެއް. އަދި ވަރަށް ބޮޑު އިތުބާރަކާ ޔަޤީންކަމެއް އޮވެގެން ބޮޑުތަކުރުފާނުގެ ޖިހާދުގައި ބައިވެރިވި އަތޮޅެއް" މިނިސްޓަރ ވިދާޅުވިއެވެ.  

މިނިސްޓަރ އާދަމް ޝަރީފު ޢުމަރު މި ޖަލްސާގައި ދެއްކެވިވާހަކަފުޅައި ބޮޑުތަކުރުފާނުގެ ޖިހާދުގެ އުޅަނދަށް ބޭނުންވާ ރިޔާ ފޯރުކޮށްދިނީ މަރޮށިން ކަމަށް ވިދާޅުވިއެވެ. އަދި ވަރަށް ގިނަރޭރޭ ކަޅުއޮށްފުންމި ބަނދަރުކުރަނީ މަށޮށީގައި ކަމަށް ވިދާޅުވެ އެކަންކަމުން މަރޮށީގެ ރައްޔިތުންގެ ހިތުގައި އޮތް އިޚްލާޞްތެރިކަމާއި ޤައުމަށް އޮތް ލޯބީގެ ބޮޑުކަން ހާމަކޮށްދޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 

އިއްޔެ ހެނދުނު ބިލެތްފަހީގައި ބޭއްވި މި ރަސްމިއްޔާތުގައި މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި ޤައުމީދުވަހުގެ ޙަރަކާތްތަކުގެ ތެރޭން ކިއްސަރުވަޑާމުގެ މަސައްކަތްތައް ތަޖުރިބާކޮށްލަން ލިބުމަކީ ކުޑައިރުގެ ހަނދާންތަކެއް އިތުރަށް އާވެގެން ދިޔަ ކަމެއްކަމަށް ވިދާޅުވިއެވެ. އަދި ކިއްސަރުވަޑާމާއި، ރުކުފަތީގެ މަސައްކަތުގައި ބިލެތްފައްސަކީ ހުނަރުވެރި އަދި ފަންނުވެރި ރައްޔިތަކު ދިރިއުޅޭ، ކާމިޔާބީތަކެއް ޙާޞިލްކޮށްފައިވާ ރަށެއް ކަމަށް ވިދާޅުވިއެވެ.