news photo

އައުކަންކަންކުރުމާއި އިޖާދީ ކަންކަން ތަޢާރަފުކުރުމުގައި ށ. އަތޮޅަކީ އަބަދުވެސް ނަމޫނާ އަތޮޅެއް: މިނިސްޓަރ

31 އޯގަސްޓު 2025

އައުކަންކަންކުރުމާއި އިޖާދީ ކަންކަން ތަޢާރަފުކުރުމުގައި ށ. އަތޮޅަކީ އަބަދުވެސް ނަމޫނާ އަތޮޅެއް ކަމަށް މިނިސްޓަރ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އޮނަރަބްލް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. 

އެކްސްގައި ކުރެއްވި މި ޕޯސްޓްގައި އަތޮޅުގެ ހިންގުންތެރިކަން ކުރިއެރުވުމަށާއި، އިޖުތިމާޢީ ގޮތުން އަތޮޅަށް ކާމިޔާބީ ހޯދައިދިނުމަށް ޓަކައި އިސްނަގައިގެން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ހިތްވަރުދިނުމުގެ ގޮތުން ދެއްވާ މާރެސް އެވޯޑަކީ އޭގެ މިސާލެއްކަމަށް މިނިސްޓަރ ވިދާޅުވެފައި ވެއެވެ. އަދި މި އަހަރު އެވޯޑް ޙާޞިލްކުރެއްވި ރަށްތަކަށް ހޫނު މަރުޙަބާއެއް ދަންނަވައިފައި ވެއެވެ.  

ށ. އަތޮޅުކައުންސިލުން ދެއްވާ މާރެސް އެވޯޑް މި އަހަރު ޙާޞިލްކުރައްވާފައި ވަނީ ފުނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި، ބިލެތްފަހީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި އަދި ގޮއިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއެވެ. މި އަހަރުގެ 1 ވަނަ ކޮމިޓީއަކީ ފުނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއެވެ. 

މާރެސް އެވޯޑް ޙާޞިލްކުރެއްވި ކޮމިޓީތަކަށް އެވޯޑް ދެއްވާފައި ވަނީ އަތޮޅު ފެންވަރުގައި ޤައުމީދުވަސް ފާހަގަކުރުމަށް ށ. ބިލެތްފަހީގައި ބޭއްވި ޤައުމީދުވަހުގެ ޖަލްސާގައެވެ.