news photo

މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ މެންބަރުންނާ ބައްދަލުކުރައްވައިފި

01 ސެޕްޓެމްބަރު 2025

އިއްޔެ މެންދުރު ފަހު މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްގައި އޮތް މި ބައްދަލުވުމުގައި ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ ރައީސާއި، ހޯޑެއްދޫ، މަޑަވެލި، ރަތަފަންދޫ، ނަޑައްލާ، ފިޔޯރީ ކައުންސިލްގެ ރައީސްގެ އިތުރުން އަތޮޅު ކައުންސިލް އިދާރާގެ މަދަނީ ބައެއް ވެރިން ބައިވެރިވެލެއްވިއެވެ. 

މި ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންތައްތަކުގެ ތެރޭގައި ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އަތޮޅުގައި އެޅުމަށް ހަމަޖެހިފައިވާ ކައުންސިލް އިދާރާތަކާ ބެހޭ ގޮތުންނާއި، ހޯދުމަށް އެދިފައިވާ ބައެއް ފަޅުރަށްތަކާ ބެހޭ ގޮތުންނާއި، ތިނަދޫގައި ހުންނަ ޕަބްލިކް ވަރކްސް ޔުނިޓްގެ ޚިދުމަތްތައް ހޯދުމާ ބެހޭ ގޮތުންނާއި، ކައުންސިލުގެ ދަށުން ޕްރީ ސްކޫލް ހިންގުމާ ބެހޭ ގޮތުންނާއި އަދި އަތޮޅުގެ ރަށްރަށުގައި ހިނގަމުންދާ ތަރައްޤީގެ މަޝްރޫޢުތަކާ ބެހޭގޮތުން މަޝްވަރާކުރެވިފައި ވެއެވެ. 

މި ބައްދަލުވުމުގައި މިނިސްޓަރގެ އަރިހުގައި ސްޓޭޓް މިނިސްޓަރ އަޙްމަދު ސާލިމާއި، ސްޓޭޓް މިނިސްޓަރ ޠާހާ ނަޢީމާއި، ސްޓޭޓް މިނިސްޓަރ އަޙްމަދު ރަޝީދުގެ އިތުރުން ގދ. އަތޮޅުގެ ކަންކަން ބެލެހެއްޓެވުމާއި ހަވާލުވެ ތިއްބެވި މި މިނިސްޓްރީގެ ބައެއް ވެރިން ބައިވެރިވެލެއްވިއެވެ.