news photo

ދައުލަތުން ވަކި ބަޖެޓެއް ދީގެން ކައުންސިލްތައް ބާރުވެރިކުރުމަށް ވުރެ ވަސީލަތްތަކުން ލިބޭ އާމްދަނީ އިތުރުކުރެވޭނެ ގޮތްވުން މާ މުހިންމު

09 ސެޕްޓެމްބަރު 2025

ދައުލަތުން ވަކި ބަޖެޓެއް ދީގެން ކައުންސިލްތައް  ބާރުވެރިކުރުމަށް ވުރެ ވަސީލަތްތައް ބޭނުންކޮށްގެން އެ ރަށަކަށް ލިބޭ އާމްދަނީ އިތުރުކުރެވޭނެ  ގޮތްވުން މާ މުހިންމު ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އޮނަރަބްލް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެންވިދާޅުވީ، ޕީއެސްއެމުން ރޭ ގެނެސްދެއްވި "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުންނެވެ. 

"ދައުލަތުން ވަކި ބަޖެޓެއް ދީގެން ކައުންސިލްތައް  ބާރުވެރިކުރުމަށް ވުރެ މުހިންމީ ކައުންސިލްތައް އޭގެ ޒާތުގައި މުސްތަޤިއްލުކަމާއެކީގައި، އެ މީހުންނަށް ވަސީލަތްތައް ބޭނުންކޮށްގެން އެ ރަށަކަށް ލިބޭ އާމްދަނީ އިތުރުކުރެވޭނެ  ގޮތެއް ވުން" މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ވިދާޅުވިއެވެ. 

ޕީއެސްއެމުން ގެނެސްދިން "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ އޭގެ ޒާތުގަ ރައްޔިތުން ވަރަށް ބޮޑަށް މިއަދު ބަލައިގަނެފައި އޮތް ނިޒާމެއް ކަމަށެވެ. ޚާއްޞަކޮށް ފެހި ޤާނޫނު އަސާސީން ދިވެހިންނަށް ލިބުނު އެންމެ ރަނގަޅު ހަދިޔާއަކީ ލާމަރުކަޒީ ނިޒާމުކަމަށެވެ. 

"ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުން" މި މައުޟޫއަށް ބައްލަވައިލައްވާ މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ރޭ ދެއްކެވި ވާހަކަފުޅުގައި ލާމަރުކަޒީ ޤާނޫނަށް ގެނެވުނު ބަދަލުތަކުގެ ސަބަބުން، ލާމަރުކަޒީ ނިޒާމަށް ކުރާ އިތުބާރު ބޮޑުވެ، ނިޒާމާ ދޭތެރޭގައި މީހުން ދެކޭ ގޮތް އިތުރަށް ރަނގަޅުވުމުގެ ފުރުޞަތު ވަރަށް ބޮޑަށް  ފަހިވެގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.