09 ސެޕްޓެމްބަރު 2025
މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އޮނަރަބްލް އާދަމް ޝަރީފު ޢުމަރު ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަނާ ބައްދަލުކުރައްވައިފިއެވެ.
މިއަދު އޮތް މި ބައްދަލުކުރެއްވުމުގައި"މޯލްޑިވްސް 2.0" އިނިޝިއޭޓިވްގެ ދަށުން ކައުންސިލްތަކުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް "ވަންގަވް" މެދުވެރިކޮށް ފޯރުކޮށްދިނުމާ ބެހޭ ގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިވެއެވެ.
އެނގިވަޑައިގަންނަވާނެ ފަދައިން ދިވެހިރާއްޖޭގެ އިދާރީ ހިންގުން އެއް ވިއުގައަކުން ޑިޖިޓަލައިޒްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދުރު ވިސްނުންފުޅުން ފައްޓަވައިފައިވާ މަސައްކަތްޕެޅެކެވެ. އެސްޓޯނިއާއަށް އެ މަނިކުފާނު ވަޑައިގަންނަވައި އެ ޤައުމުގެ ޑިޖިޓަލް އެޑްވައިޒަރީ ކައުންސިލާއެކު މަޝްވަރާކުރައްވާ، ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ސަރުކާރުން ގެންގުޅުއްވާ ތަޞައްވުރު ހިއްސާކުރައްވާފައި ވެއެވެ.
"މޯލްޑިވްސް 2.0"އަކީ މުޅި ދިވެހިރާއްޖެ ޑިޖިޓަލައިޒްކުރުމަށް ޓަކައި ކުރެވޭ ޚާއްޞަ މަސައްކަތްތަކެވެ. މި ކަމުގެ ސަބަބުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ނިޒާމު އެއްކޮށް ބަދަލުވެ، ވަކިވަކިފަރުދުންނަށް ބޭނުންކުރެވޭ ރައްކާތެރި ނިޒާމެއް ޤާއިމްކުރެވިގެން ދާނެއެވެ.