12 ސެޕްޓެމްބަރު 2025
ތިލަދެކުނު ވޮލީ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ފައިނަލް މެޗާއި، ނިންމުމުގެ ރަސްމިއްޔާތު މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު ޝަރަފުވެރިކޮށްދެއްވައިފިއެވެ.
އަންހެން ޑިވިޝަނާއި، ފިރިހެން ޑިވިޝަން ވަކިން ކުރިއަށް ދިޔަ ތިލަދެކުނު ވޮލީ މުބާރާތް 2025 ބާއްވާފައި ވަނީ ހދ. ނާވައިދޫގައެވެ. އަންހެން ޑިވިޝަންގެ ޗެންޕިއަންކަން ހޯދީ ހަނިމާދޫ ސާއްބައިންނެވެ. ޖުމްލަ 8 ޓީމު ވާދަކުރި ފިރިހެން ޑިވިޝަންގެ މެޗުތައް ކުރިއަށް ދިޔައީ ދެ ގުރޫޕަކަށް ބަހައިލައިގެންނެވެ. ރޭ ކުޅުނު ފިރިހެން ޑިވިޝަންގެ ފައިނަލްގައި ވާދަކުރީ ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާއާއި، ނޮޅިވަރަމް ޒުވާނުންގެ ގުޅުމެވެ.
ރޭ ނާވައިދޫގައި ކުޅުނު ފޯރިގަދަ ފައިނަލް މެޗް ސީދާ 3 ސެޓުން ކާމިޔާބުކޮށް މުބާރާތުގެ ޗެންޕިއަންކަން ހޯދީ ނޮޅިވަރަމް ޒުވާނުންގެ ގުޅުމެވެ. މުބާރާތުގެ ޗެންޕިއަން ޓީމަށް ތަށްޓާއި، މެޑަލް ދެއްވީ ފައިނަލް މެޗްގެ ޝަރަފުވެރި މެހްމާނު އޮނަރަބްލް މިނިސްޓަރ އާދަމް ޝަރީފު ޢުމަރެވެ.