news photo

ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުވުމުގެ ސިޔާސަތު ތަންފީޒުވެ އޭގެ ނަތީޖާ ނެރެވިދާނެކަމުގެ އުއްމީދު ސާބިތުކޮށްދެއްވައިފި: މިނިސްޓަރ

14 ސެޕްޓެމްބަރު 2025

ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުވުމުގެ ސިޔާސަތު ތަންފީޒުވެ އޭގެ ނަތީޖާ ނެރެވިދާނެކަމުގެ އުއްމީދު މާފުށީ ކައުންސިލުން ސާބިތުކޮށްދެއްވައިފި ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އޮނަރަބްލް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ މާލެއަތޮޅު މާފުށީގައި ބަނދެފައިވާ ސޭންޑް ބާޖް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ސޭންޑް ބާޖް އިފްތިތާޙްކުރުމަށް އިއްޔެ ހަވީރު މާފުށީގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ދެއްކެވި ވާހަކަފުޅުގައި ލާމަރުކަޒީ ނިޒާމުގެ ހަރަކާތްތައް ފެށިގެން އަންނަތާ 15 ވަރަކަށް އަހަރުވެފައިވާކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ، ކައުންސިލްތަކަށް މާލީ ގޮތުން ބާރުވެރިކަން ލިބިދިނުމާއި، ކައުންސިލްތަކަކީ މުސްތަޤިއްލުކަމާއެކު ހިނގާނެ ތަންތަންކަމުގައި ހެދުމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާ ސިޔާސަތުގެތެރެއިން، ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުވުމުގެ ސިޔާސަތު ތަންފީޒުވެ އޭގެ ނަތީޖާ ނެރެވިދާނެކަމުގެ އުއްމީދު މާފުށީ ކައުންސިލުން ސާބިތުކޮށްދެއްވާފައި ވާކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މާފުށީ ކައުންސިލްގެ ފަރާތުން ފެނިގެންދަނީ ލާމަރުކަޒީ ނިޒާމުގެ ސަބަބުން ރައްޔިތުންނަށް ލިބެންޖެހޭ ކުރިއެރުން ގެނެސްދޭތަން ކަމަށެވެ. އަދި މާފުށީގައި އިއްޔެ އިފްތިތާޙުކުރެވިގެން ދިޔަ ދެ މަޝްރޫޢަކީ ރައްޔިތުންގެ ކުރިއެރުމާއި ބުރަ މަސައްކަތުގެ ފޮނި ނަތީޖާ ކަމަށް ވެސް ވިދާޅުވިއެވެ.  މީގެ އިތުރުން މާފުށީ ކައުންސިލުން އުފެއްދި ކުންފުންޏަކީ ރަށުގެ އިޤްތިޞާދަށް ވަރަށް ބޮޑަށް ފައިދާކުރާނެ ކުންފުންޏަކަށް ވާނެކަމަށް އުންމީދުކުރައްވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 

އިއްޔެގެ ރަސްމިއްޔާތުގައި މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ދެއްކެވިވާހަކަފުޅުގައި ގިނަ ކައުންސިލުތަކުން އެ ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުވުމަށް ޓަކައި އިސްނެގުމާއެކު މަސައްކަތްކުރުމުގެ ވިސްނުން ގެންގުޅުއްވާކަން އުފަލާއެކު ފާހަގަކުރައްވާފައި ވެއެވެ.