news photo

މީގެ އަހަރުތަކެއް ކުރިން ތަޢުލީމު ޙާޞިލްކުރުމުގެ ފުރުޞަތު ލިބެނީ ވެރިން ހުއްދަ ދެއްވި މިންވަރަކުން، ހުއްދަ ދެއްވި ބަޔަކަށް: މިނިސްޓަރ

17 ސެޕްޓެމްބަރު 2025

މީގެ އަހަރުތަކެއް ކުރިން ތަޢުލީމު ޙާޞިލްކުރުމުގެ ފުރުޞަތު ލިބެނީ ވެރިން ހުއްދަ ދެއްވި މިންވަރަކުން ހުއްދަ ދެއްވި ބަޔަކަށް ކަމަށް މިނިސްޓަރ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އޮނަރަބްލް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެންވިދާޅުވީ ވިލާ ކޮލެޖުގެ 2025 ވަނަ އަހަރުގެ ގްރެޖްއޭޝަންގެ ފުރަތަމަ ސެޝަން ޝަރަފުވެރިކޮށްދެއްވާ މިއަދު ހެނދުނު ދެއްކެވި ވާހަކަފުޅުގައެވެ. 

މިނިސްޓަރ ވިދާޅުވީ އިހު ޒަމާނުގައި ތަޢުލީމު ޙާޞިލްކުރި ބައެއް މީހުން ތަޢުލީމު ޙާޞިލްކުރީ ސިއްރިއްޔާތުގައި ރާއްޖެ ދޫކޮށް ފިލައިގެން ގޮސްގެން ކަމަށެވެ. ނަމަވެސް އަދުގެ ޒުވާނުންނަކީ ނަސީބުވެރި ބައެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ތަޢުލީމީ ފުރުޞަތުތައް އިންޓަރނޭޝަނަލް ސުކޫލުތަކާއި، ކޮލެޖުތަކާއި، ޔުނިވަރސިޓީތަކުން ތަންމިނަށް އަދުގެ ޒުވާނުންނަށް ހުޅުވިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 

"މިއަދުގެ ކިޔަވައިދިނުމުގައި ތެކްނޮލޮޖީގެ އެހީތެރިކަމާއި ޒަމާނީ ލުއިފަސޭހަކަން ސުކޫލުތަކަށް ލިބިފައި ވިޔަސް، ރާއްޖޭގެ ފަށާ ތަޢުލީމުގެ ބިންގާ އެޅިގެން ދިޔަ ދުވަސްވަރު ފުޅިބައްތީގެ އަލީގައި ފޮތް މާކުކޮށް، ޓީޗިންގ އެއިޑްސް ހަދައި، ފްލެނަލް ބޯޑުގައި ޓީޗިންގ އެއިޑްސް ހަރުލެއްވުމަށް، ތަތްކުރުމަށް ބަނބުކެޔޮ ފަތް ބޭނުންކުރި ހަނދާން މިއަދުވެސް އެބަހުރި" މިނިސްޓަރ ވިދާޅުވިއެވެ. 

ވިލާ ކޮލެޖުގެ 2025 ވަނަ އަހަރުގެ ގްރެޖްއޭޝަންގެ ފުރަތަމަ ސެޝަން ޝަރަފުވެރިކޮށްދެއްވާ މިނިސްޓަރ މިއަދު ދެއްކެވިވާހަކަފުޅުގައި ރާއްޖޭގެ ތަޢުލީމާއި، ޞިއްޙީ ދާއިރާ ފަދަ އެތައް ދާއިރާތަކަކުން ހެޔޮ ބަދަލުތަކެއް މިއަދު ޤައުމަށް އައިސްފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ހެޔޮ ބަދަލުތައް އައުމުގެ ސިއްރަކީ އުނގެނުމަށް، ތަޢުލީމަށް ލޯބިކުރާ ބަޔަކަށް ދިވެހިންވުން ކަމަށް ވިދާޅުވިއެވެ. ތަރައްޤީއަށް ލޯބިކުރާ ބަޔަކަށްވުން ކަމަށް ވިދާޅުވިއެވެ.