17 ސެޕްޓެމްބަރު 2025
ޢިލްމީ މައިދާނުގައި ސަނަދު ޙާޞިލްވުމުން އުނގެނުމުގެ މަރުޙަލާ ނުނިމޭ ކަމަށް މިނިސްޓަރ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އޮނަރަބްލް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެންވިދާޅުވީ ވިލާ ކޮލެޖުގެ 2025 ވަނަ އަހަރުގެ ގްރެޖްއޭޝަންގެ ފުރަތަމަ ސެޝަން ޝަރަފުވެރިކޮށްދެއްވާ މިއަދު ހެނދުނު ދެއްކެވި ވާހަކަފުޅުގައެވެ.
މިނިސްޓަރ ވިދާޅުވީ އުނގެނުމަކީ މުޅި ޢުމުރުގައި ވެސް ކުރަންޖެހޭ ކަމެއް ކަމަށެވެ. ޚާއްޞަކޮށް ބަދަލުވަމުންދާ ދުނިޔޭގައި، ކަންކަމަށް އިންތިހާއަށް ބަދަލު އަންނަ އިރު، ކަންކަމާއި، ވަސީލަތްތައް ހީނުކުރާހާ އަވަހަށް ބަދަލުވަމުންދާ ޒަމާނެއްގައި އުނގެނުމަކީ އަބަދުވެސް ކުރަންޖެހޭ ކަމެއް ކަމަށެވެ.
"Life Long Learning އަކީ ތިމާގެ ދިރިއުޅުމުގެ ބައެއް ކަމަށް ހަދަންޖެހޭ. މަންމަގެ އުނގުން ފެށިގެން ކަށްވަޅަށް ދާންދެން އުނގެނުމަކީ މޮޓޯކަމުގައި ހަންޖެހޭ" މިނިސްޓަރ ވިދާޅުވިއެވެ.
ވިލާ ކޮލެޖުގެ 2025 ވަނަ އަހަރުގެ ގްރެޖްއޭޝަންގެ ފުރަތަމަ ސެޝަން ޝަރަފުވެރިކޮށްދެއްވާ މިނިސްޓަރ މިއަދު ދެއްކެވިވާހަކަފުޅުގައި ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ވަޒީފާ އުފައްދާނެ ފަރާތައް މިއަދު އިތުރުކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ. މަދަރުސީ ތަޢުލީމުގެ މަރުޙަލާއިން ފެށިގެން މަތީ ތަޢުލީމުގެ މަރުޙަލާގައި ވެސް ވަޒީފާތައް އުފައްދާނެ ގޮތުގެ ވިސްނުމާއި، ސިވިލް ސަރވިސް ނުވަތަ ސިޔާސީ ވަޒީފާތަކަށް ވުރެ ބޮޑަށް އަމިއްލައަށް އާމްދަނީ ހޯދޭނެ ވިސްނުމާއި، އަމިއްލައަށް ވަޒީފާ އުފެއްދޭނެ ޤާބިލުކަން އިތުރުކުރުމަށް ސަމާލުކަން ދޭންޖެހޭ ކަމަށް މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ވިދާޅުވިއެވެ.
"ޤައުމުގައި ހިނގަމުންދާ ކަންކަމުގެ ވާހަކަ ހަމައެކަނި އެ އިރެއްގައި އޮންނަ ސަރުކާރަކުން ނުވަތަ ސަރުކާރާ ވާދަވެރި ފަރާތްތަކުން ދެއްކުމަކުން ޙަޤީޤީ މަންޒަރެއް ރައްޔިތުންނަކަށް މުޅިން ސާފެއް ނުވޭ. އެ ވާހަކަތައް ހަމައެކަނި ސިޔާސީ މީހުން ދެއްކުމަކުން ނުފުދެ" މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ޤައުމު ބުނާކުރުމުގައި ތަޢުލީމީ ޒުވާނުންގެ އެހީތެރިކަން ޤައުމަށް މި ވަނީ އިންތިހާއަށް ބޭނުންވެފައި ކަމަށެވެ. ޚާއްޞަކޮށް ރާއްޖޭގައި ހިނގަމުންދާ ކަންކަން، ޢިލްމީ ދިރާސާތަކުގެ އަލީގައި ރައްޔިތުންނަށް ސާފުކޮށްދިނުމުގައި ތަޢުލީމީ ޒުވާނުންގެ އެހީތެރިކަން އިންތިހާއަށް ބޭނުން ކަމަށެވެ.