news photo

އިންތިޚާބެއްގެ ކެމްޕޭނަށް ނޫންގޮތަށް ރައްޔިތުން އިންތިޚާބުކުރައްވާފައިވާ ރައީސަކު ފުލިދޫއަށް ވަޑައިގެންނެވި މިއީ ފުރަތަމަ ފަހަރު: އިމްތިޔާޒު

20 ސެޕްޓެމްބަރު 2025

އިންތިޚާބެއްގެ ކެމްޕޭނަށް ނޫންގޮތަށް ރައްޔިތުން އިންތިޚާބުކުރައްވާފައިވާ ރައީސަކު ފުލިދޫއަށް ވަޑައިގެންނެވި މިއީ ފުރަތަމަ ފަހަރު ކަމަށް ފެލިދެއަތޮޅު ފުލިދޫ ކައުންސިލްގެ ރައީސް މުޙައްމަދު އިމްތިޔާޒު ވިދާޅުވެއްވެއްޖެއެވެ. ފުލިދޫ ކައުންސިލްގެ ރައީސް މިހެން ވިދާޅުވީ އިއްޔެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފުލިދޫއަށް ވަޑައިގެން ފުލިދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އިއްޔެ ފުލީދޫގައި ބޭއްވި ރަސްމިއްޔާތުގައި ދެއްކެވިވާހަކަފުޅުގައެވެ. 

"ދިވެހިރާއްޖެ މިނިވަން ދެފުށް ފެންނަ އިންތިޚާބުތަކަށް ހުޅުވިގެންދިޔަ ފަހުން ރިޔާސީ އަދި ރައްޔިތުންގެ މަޖިލިސް އިންތިޚާބެއްގެ ކެމްޕޭނަށް ނޫންގޮތަކަށް ރައްޔިތުން އިންތިޚާބުކުރައްވާފައިވާ ރައީސަކު ވަޑައިގެންނެވި މިއީ ފުރަތަމަ ފަހަރު" ފުލިދޫ ކައުންސިލްގެ ރައީސް މުޙައްމަދު އިމްތިޔާޒު ވިދާޅުވިއެވެ. 

އިއްޔެ ފުލިދޫގައި އޮތް މި ރަސްމިއްޔާތުގައި އިމްތިޔާޒު ދެއްކެވިވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފުލީދޫއަށް ވަޑައިގަތުމުން ދޭހަވެގެން ދަނީ ރައްޔިތުންގެ ކަންބޮޑުވުން ގާތުން އަޑުއެއްސެވުމާއި، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޙައްލު ހޯދައިދެއްވުމަށް ރައީސްގެ ހިތްޕުޅުގައި އޮތް ޝައުޤުވެރިކަމާއި، އެ ކަމަށް ދެއްވާ އަހަންމިއްޔަތުކަމާއި، އަދި ބޭނުންފުޅުވާ މިންވަރު ކަމަށެވެ. އެ ކަމަށް ޓަކައި އިމްޔިޔާޒު ވަނީ ފުލިދޫ ރައްޔިތުންގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާއަށް އިޚްލާޞްތެރިކަމާއެކު ޝުކުރުއަދާކުރައްވާފައެވެ.  

ރައީސުލްޖުމްހޫރިއްޔާ އިއްޔެ ފުލިދޫއަށް ވަޑައިގެންނެވީ 4 އަތޮޅެއްގެ މީހުން ދިރިއުޅޭ 31 ރަށަކަށް އިއްޔެ މެންދުރު ފަހު ފެއްޓެވި ދަތުރުފުޅުގެ ފުރަތަމަ މަންޒިލުގެ ގޮތުގައެވެ.