20 ސެޕްޓެމްބަރު 2025
ސަރުކާރުން ހިސާބުޖެހި މުއްދަތަށް ވުރެ އަވަހަށް ރާއްޖޭގެ ހުރިހާ އަތޮޅަކުން އައިޑީކާޑު ހެދޭ ގޮތް ވެއްޖެއެވެ. ހުރިހާ އަތޮޅަކުން އައިޑީކާޑު ޕްރިންޓްކުރުމުގެ ވަޢުދުފުޅަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި ދިޔަ އަހަރުގެ ޖުމްހޫރީދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވެވަޑައިގެންނެވި ވަޢުދުފުޅެކެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަޢުދުވެވަޑައިގެންނެވީ، މި ހިނގާ 2025 ވަނަ އަހަރުގެ ނިޔަލަށް ހުރިހާ އަތޮޅަކުން އައިޑީކާޑާއި، ޕާސްޕޯޓް ހައްދައިދިނުމުގެ އިންތިޒާމް ހަމަޖައްސައިދީ ނިންމެވުމަށެވެ. އިއްޔެ ފެލިދެއަތޮޅު ފެލިދޫގައި އައިޑީކާޑު ޕްރިންޓްކުރުމުގެ ޚިދުމަތް ފައްޓަވައިދެއްވުމުން ރައީސުލްޖުމްހޫރިއްޔާގެ މި ވަޢުދުފުޅު ފުރިހަމަވީއެވެ.
ފެލިދޫން އައިޑީކާޑު ދޫކުރުން ފައްޓަވައިދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިހާރު ވ. އަތޮޅަށް ކުރައްވަމުން ގެންދަވައި ޒިޔާރަތުގައި ފެލިދޫއަށް ވަޑައިގެން، ރޭ އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައެވެ. އައިޑީކާޑު ދޫކުރުން ރަސްމީކޮށް ފައްޓައިވައިދެއްވީ މާލީ ވަޒީރު އޮނަރަބްލް މޫސާ ޒަމީރެވެ.
ފެލިދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރޭ ދެއްކެވިވާހަކަފުޅުގައި ވިދާޅުވީ، މިހާރު ކޮންމެ އަތޮޅަކުން ވެސް އައިޑީކާޑު ދޫކުރަމުންދާނޭ ކަމަށާއި، އަންނަ މަސް ނިމުމުގެ ކުރިން ކޮންމެ އަތޮޅަކުން ޕާސްޕޯޓް ދޫކުރަން ވެސް ފެށޭނޭ ކަމަށެވެ.