news photo

ފެލިދެއަތޮޅު ކެޔޮދޫގައި ޢިމާރާތްކުރާ ކައުންސިލް އިދާރާގެ އައު ޢިމާރާތުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވައިފި

21 ސެޕްޓެމްބަރު 2025

ފެލިދެއަތޮޅު ކެޔޮދޫގައި ޢިމާރާތްކުރާ ކައުންސިލް އިދާރާގެ އައު ޢިމާރާތުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައި ދެއްވައިފިއެވެ. ކެޔޮދޫ ކައުންސިލް އިދާރާގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މެދުރާއްޖޭގެ 4 އަތޮޅަކަށް މިހާރުކުރައްވަމުންދާ ދަތުރުފުޅުގައި ވ. ކެޔޮދޫއަށް ވަޑައިގެން އެ ކަމަށް ޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. 

ކެޔޮދޫގެ ކައުންސިލް އިދާރާގެ އައު ޢިމާރާތުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރެވެ. މި ރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުންނާއި، ސަރުކާރުގެ ކުންފުނިތަކުގެ ވެރިންނާއި، ކެޔޮދޫ ކައުންސިލްގެ ރައީސާއި އަދި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަންސް (އާރުސީސީ)ގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ކެޔޮދޫ ކައުންސިލް އިދާރާގެ އައު އިމާރާތުގެ މަސައްކަތަކީ، ބާވެ ވީރާނާވެފައިވާ ކައުންސިލް އިދާރާތައް އަލުން އެޅުމަށް، ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން އާރުސީސީއާ ޙަވާލުކޮށްގެން ކުރިއަށްގެންދާ 55 ކައުންސިލް މަޝްރޫޢުގައި ހިމެނޭ މަސައްކަތެކެވެ. ސަރުކާރުގެ އަމާޒަކީ މި ފަސް އަހަރުގެ ތެރޭގައި 100 އަށްވުރެ ގިނަ ރަށުގެ ކައުންސިލް އިދާރާގެ އައު ޢިމާރާތްތައް ތަރައްޤީކުރެއްވުމެވެ.

ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ކުރިއަށް ގެންދިއުމަށް، އާރުސީސީއާ ޙަވާލުކޮށްފައިވާ 55 ކައުންސިލް އިދާރާއަކީ 11 މަސްދުވަހުގެ ތެރޭގައި މަސައްކަތްނިންމާ ގޮތަށް ޙަަވާލުކުރެވިފައި މަޝްރޫޢެކެވެ. މި މަޝްރޫއުގެ ދަށުން ނިންމާ ކައުންސިލް އިދާރަތައް ނިމޭއިރު، ކައުންސިލް އިދާރާގެ ގޯތީގެ ވަށާފާރު ރާނައި، އޮފީހަށް ބޭނުންވާ ފަރުނީޗަރު ވެސް ހުންނާނީ ލައިދެއްވާފައެވެ.