news photo

ފ. ނިލަންދޫގައި ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ ކައުންސިލްގެ އިދާރާގެ ޢަމަލީ މަސައްކަތް މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ފައްޓަވައިދެއްވައިފި

21 ސެޕްޓެމްބަރު 2025

ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫގައި ޢިމާރާތްކުރާ ކައުންސިލް އިދާރާގެ އައު ޢިމާރާތުގެ ޢަމަލީ މަސައްކަތް މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ފައްޓަވައިދެއްވައިފިއެވެ. ނިލަންދޫގައި ކައުންސިލް އިދާރާގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މެދުރާއްޖޭގެ 4 އަތޮޅަކަށް މިހާރުކުރައްވަމުންދާ ދަތުރުފުޅުގައި ނިލަންދޫއަށް ވަޑައިގެން އެ ކަމަށް ޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. 

މި ރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުންނާއި، ސަރުކާރުގެ ކުންފުނިތަކުގެ ވެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރާއި، ނިލަންދޫ ކައުންސިލްގެ ރައީސާއި އަދި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަންސް (އާރުސީސީ)ގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ނިލަންދޫ ކައުންސިލް އިދާރާގެ އައު ޢިމާރާތުގެ މަސައްކަތަކީ، ބާވެ ވީރާނާވެފައިވާ ކައުންސިލް އިދާރާތައް އަލުން އެޅުމަށް، ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން އާރުސީސީއާ ޙަވާލުކޮށްގެން ކުރިއަށްގެންދާ 55 ކައުންސިލް މަޝްރޫޢުގައި ހިމެނޭ މަސައްކަތެކެވެ. ސަރުކާރުގެ އަމާޒަކީ މި ފަސް އަހަރުގެ ތެރޭގައި 100 އަށްވުރެ ގިނަ ރަށުގެ ކައުންސިލް އިދާރާގެ އައު ޢިމާރާތްތައް ތަރައްޤީކުރެއްވުމެވެ.

ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ކުރިއަށް ގެންދިއުމަށް، އާރުސީސީއާ ޙަވާލުކޮށްފައިވާ 55 ކައުންސިލް އިދާރާއަކީ 11 މަސްދުވަހުގެ ތެރޭގައި މަސައްކަތްނިންމާ ގޮތަށް ޙަަވާލުކުރެވިފައި މަޝްރޫޢެކެވެ. މި މަޝްރޫއުގެ ދަށުން ނިންމާ ކައުންސިލް އިދާރަތައް ނިމޭއިރު، ކައުންސިލް އިދާރާގެ ގޯތީގެ ވަށާފާރު ރާނައި، އޮފީހަށް ބޭނުންވާ ފަރުނީޗަރު ވެސް ލައިދެއްވާނެއެވެ.