news photo

ސިޓީސް، މިނިސްޓްރީގެ ފަރާތުން ގެމަނަފުށީ ކައުންސިލާއެކު ބައްދަލުވުމެއް ބާއްވައިފި

26 އޯގަސްޓު 2025

މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްގެ ފަރާތުން ގއ. ގެމަނަފުށީ ކައުންސިލްގެ މެންބަރުންނާއެކު ބައްދަލުވުމެއްބާއްވައިފިއެވެ. އިއްޔެ މެންދުރު ފަހު މިނިސްޓްރީގައި ބޭއްވި މި ބައްދަލުވުމަކީ ގެމަނަފުށީ ކައުންސިލުގެ އެދިލެއްވުމަކާ ގުޅިގެން ބޭއްވުނު މައްދަލުވުމެކެވެ. 

މިނިސްޓަރ އޮފް ސްޓޭޓް އަޙްމަދު ސާލިމް ރިޔާސަތު ބެލެހެއްޓެވި މި ބައްދަލުވުމުގައި، އެކްޓިންގ ޕާމަނެންޓް ސެކްރެޓަރީ ޙާމިދު ޔޫސުފާއި، ސްޓޭޓް މިނިސްޓަރ ޠާހާ ނަޢީމާއި، ޑެޕިޔުޓީ މިނިސްޓަރ މިނިސްޓަރ ޔާމީން     ޢަބްދުލްވައްހާބާއި، ޑެޕިޔުޓީ މިނިޓަރ މުޙައްމަދު ޢަލީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެންބަރު އަސަދުﷲ ޝިހާބު ބައިވެރިވެވަޑައިގެންނެވިއެވެ. 

މި ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންތައްތަކުގެ ތެރޭގައި ބިން ކުންޔަށްދިނުމާ ބެހޭ ގޮތުންނާއި، ބިހުރާ ރަށުގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނުމުގެ ވާހަކައާއި، ބަނދަރު ޕްރޮޖެކްޓްގެ ވާހަކައާއި، ފުޓްބޯޅަދަނޑު ޕްރޮޖެކްޓްގެ ވާހަކައާއި، ކަރަންޓްގެ ޚިދުމަތާއި، ރަށުގައި މިހާރު ފެށުމަށް ތައްޔާރުވެފައިވާ އެކި މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ހިއްސާކުރެވިފައި ވެއެވެ. 

އިއްޔެ ބޭއްވުނު މި ބައްދަލުވުމުގައި ރަށުގެ ތަރައްޤީއަށް މި ވަގުތަށް މުހިންމު ވަރަށް ގިނަ ކަންތަކާ ބެހޭ ގޮތުން މަޝްވަރާކުރެވިފައި ވެއެވެ. މިނިސްޓްރީ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްއިން އަންނަނީ ކައުންސިލްތަކާއެކު ގާތްގުޅުމެއް އުފައްދާ ކައުންސިލްތަކުގެ ކަންބޮޑުވުންތައް ޙައްލުކޮށްދެއްވުމަށް ގިނަގުނަ މަސައްކަތްތަކެއް ޢަމަލީ ގޮތުން ކޮށްދެއްވަމުންނެވެ.