news photo

އުތުރުއަތަފަރު އދ. ހަންޏާމީދޫއަށް ހަމަޖައްސައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

07 އޮކްޓޯބަރު 2025

އދ. ހަންޏާމީދޫއާ ކައިރީގައި އޮތް އުތުރުއަތަފަރަކީ ހަންޏާމީދޫގެ ބައެއްގެ ގޮތުގައި ހަމަޖައްސައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.   ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އދ. އަތޮޅަށް މިހާރު ކުރައްވަމުން އަންނަ ދަތުރުފުޅުގައި ހަންޏާމީދުއަށް މިއަދު ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ހަންޏާމީދުއަކީ ފަތުރުވެރިކަން ފުޅާދާއިރާއެއްގައި ކުރާ ރަށެއް ކަމަށެވެ. އަދި ބޮޑު މަންފާއެއް އެ ސިނާއަތުން ހޯދާ ރަށެއް ކަމަށެވެ. އެހެންކަމުން ފަތުރުވެރިކަމުގެ ނަފާ އިތުރަށް ހަންޏާމީދޫ ރައްޔިތުންނަށް ހޯދައިދެއްވުމަށް ޓަކައި އުތުރުއަތަފަރު ހަންޏާމީދޫގެ ބައެއްގެ ގޮތުގައި ހަމަޖައްސައިދެއްވާނެ ކަމަށެވެ. 

"އިރާދަކުރެއްވިއްޔާ މި ރަށް ކައިރީގައި މި އޮންނަ އުތުރުއަތަފަރު މި ރަށުގެ ބައެއްގެ ގޮތުގައި ހަމަޖައްސައި އިރާދަކުރެއްވިއްޔާ އެ ކަމުގެ ޤަރާރު ވަރަށް އަވަހަށް ނެރޭނެ ކަމުގެ ޔަގީންކަން ތި ބޭފުޅުންނަށް އަރުވަން" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 

ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުމަށް ފަޅުތަކާއި، ފަޅުރަށްރަށް މި ސަރުކާރުން އަންނަނީ ދެއްވަމުންނެވެ. މި ކަމުގެ ސަބަބުން އެ ރަށްރަށުގެ ރައްޔިތުންނަށް އިޤްތިޞާދީ އެތައް ފައިދާއެއް  ލިބުމަށް މަގުފަހިވެގެން ދާނެއެވެ.