news photo

ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު ޢަބްދުﷲ ރަޝީދުގެ ޝުކުރު، މިނިސްޓަރ އާދަމް ޝަރީފަށާއި މިނިސްޓްރީގެ މުވައްޒަފުންނަށް

09 އޮކްޓޯބަރު 2025

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދަނގެތީ ދާއިރާގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅާ ގުޅިގެން މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރަށާއި، މިނިސްޓްރީގެ އެންމެހައި މުވައްޒަފުންނަށް ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރ ޢަބްދުﷲ ރަޝީދު ޝުކުރުއަދާކުރައްވައިފިއެވެ. 

އެމްޕީ ޢަބްދުﷲ ރަޝީދު ޝުކުރުއަދާކޮށް ފޮނުއްވި މި މެސެޖުގައި ދަނގެތީ ދާއިރާގެ ރަށްތައް ކަމުގައިވާ ދަނގެއްޗާއި، ދިއްދޫއާއި، ދިގުރަށާއި، މަންދޫއާއި އަދި އޮމަދޫއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި ރަސްމީ ދަތުރުފުޅުގެ ކަންކަން އިންތިޒާމުކުރެއްވުމުގައި މިނިސްޓަރ އާދަމް ޝަރީފާއި، ސިޓީސް މިނިސްޓްރީގެ މުވައްޒަފުން ވެދެއްވި އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވާފައި ވެއެވެ. 

ދަނގެތީ ދާއިރާގެ އެމްޕީ ޢަބްދުﷲ ރަޝީދު، މިނިސްޓަރ އާދަމް ޝަރީފު ޢުމަރާއި، މިނިސްޓްރީގެ މުވައްޒަފުންނާ މެދު ފާޅުކުރައްވާފައިވާ އިޚްލާޞްތެރި ޝުޢޫރަށް ޓަކައި، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްގެ އެންމެހައި މުވައްޒަފުންގެ ނަމުގައާއި، އަދި މިނިސްޓަރގެ އަމިއްލަ ނަންފުޅުގައި އެމްޕީ ޢަބްދުﷲ ރަޝީދަށް، މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ވެސް ޝުކުރުއަދާކުރެއްވިއެވެ.  

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އދ. އަތޮޅަށް ވަޑައިގެންނެވީ ހިނގަމުން މިދާ ހަފުތާގެ ތެރޭގައެވެ. އެ މަނިކުފާނުގެ މި ދަތުރުފުޅުގައި އެ އަތޮޅުގެ ހުރިހައި ރަށަކަށް ވަޑައިގަންނަވައިފައި ވެއެވެ. އެނގިވަޑައިގަންނަވާނެ ފަދައިން ރައީސުލްޖުމްހޫރިއްޔާ  ޑރ. މުޙައްމަދު މުޢިއްޒު އަތޮޅުތެރެއަށް ކުރައްވަމުން އަންނަ ދަތުރުފުޅުގައި ރައްޔިތުންގެ ޙާލުއަހުވާލުބައްލަވައި، އެ ރައްޔިތުންގެ އަޑު ގާތުން އަޑުއަސަވައި، އެ ރައްޔިތުން އެދިވަޑައިގަންނަވައި ކަންތައްތައް އަންނަނީ ބާރު ސްޕީޑުގައި ކޮށްދެއްވަމުންނެވެ.