13 އޮކްޓޯބަރު 2025
ސަރުކާރުން އެލްޖީއާ ހަވާލުކޮށްގެން ޢިމާރާތްކުރި، މިލަދުންމަޑުލު އުތުރުބުރީ ނޫމަރާ ކައުންސިލް އިދާރާގެ އައު ޢިމާރާތް، ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުޅުއްވައިދެއްވައިފިއެވެ. ނޫމަރާ ކައުންސިލް އިދާރާގެ އައު ޢިމާރާތް ހުލުވައިދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ށ. އަތޮޅަށް މިހާރުކުރައްވަމުންދާ ދަތުރުފުޅުގައި މިއަދު ނޫމަރާއަށް ވަޑައިގެން އެ ކަމަށް ޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި މިނިސްޓރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފު ޢުމަރާއި، ދައުލަތުގެ އެހެނިހެން ބައެއް ވަޒީރުންނާއި، ސަރުކާރުގެ ކުންފުނިތަކުގެ ވެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ބައެއް މެންބަރުންނާއި، ނޫމަރާ ކައުންސިލްގެ ރައީސާއި އަދި ކައުންސިލްގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
އަލަށް ހުޅުވި ނޫމަރާ ކައުންސިލް އިދާރާގައި 80 މީހުންގެ ޖާގައިގެ ކޮންފަރެންސް ހޯލަކާއި 16 މީހުންގެ ޖާގައިގެ މީޓިންގ ރޫމެއްގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ޚާއްޞަ މާލަމެއް ވެސް ހިމެނެއެވެ. މިއީ ސަރުކާރުން 3.9 މިލިއަން ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ މަސައްކަތެކެވެ.
ނޫމަރާ ކައުންސިލް އިދާރާގެ އައު ޢިމާރާތުގެ މަސައްކަތަކީ، ބާވެ ވީރާނާވެފައިވާ ކައުންސިލް އިދާރާތައް އަލުން އެޅުމަށް އެލްޖީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫޢުގެ ތެރޭގައި ހިމެނޭ ކައުންސިލް އިދާރާއެކެވެ.
މި ސަަރުކާރުން އެލްޖީއޭ ޕްރޮޖެކްޓްގެ އިތުރުން، ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން އާރުސީސީއާ ޙަވާލުކޮށްގެން ކުރިއަށްގެންދާ 55 ކައުންސިލް މަޝްރޫޢާއި، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން 50 ކައުންސިލް ޢިމާރާތްކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ކުރިއަށް ގެންދިއުމަށް، އާރުސީސީއާ ޙަވާލުކޮށްފައިވާ 55 ކައުންސިލްގެ ތެރޭން ބައެއް ރަށްތަކުގެ މަސައްކަތް ސަބްކޮންޓްރެކްޓަރުންނާ ހަވާލުކުރެވި، ޢަމަލީ މަސައްކަތް ފެށިފައިވާ އިރު، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ޢިމާރާތްކުރާ ކައުންސިލްތަކުގެ ފީޒިބިލިޓީ ހެދުމުގެ މަސައްކަތްތައް މިހާރު ވަނީ ނިމިފައެވެ.